ސާވިސް ޗާޖުގެ ގޮތުގައި މިމަހު އެންމެ ބޮޑު އަދަދެއްގެ ދިން ރިސޯޓުތަކުގެ ލިސްޓުގެ ކުރީގައި ވޯލްޑޮފް އެސްޓޯރިއާ އިތާފުށި ރިސޯޓު ހިމެނިއްޖެ އެވެ.

މުއްސަނދިންނަށް އަމާޒުކޮށްގެން މާލެ ކައިރީގައި ހިންގާ އެ ރިސޯޓުން މިމަހު ވެސް ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 2،433 ޑޮލަރު (37،516 ޑޮލަރު) ޖެހިފައިވެ އެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ސާވިސާ ޗާޖުގެ ގޮތުގައި ބަހާފައި ވަނީ ނ. އަތޮޅުގައި ހިންގާ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުން މީހަކަށް 2،303.25 ޑޮލަރު (35،516ރ) ޖެހިފައިވެ އެވެ.

"ހުރިހާ"އަށް ލިބިފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހު ސާވިސް ޗާޖުގެ ގޮތުގައި 2،000 ޑޮލަރުން މަތިން ބަހާފައި އެ ދެ ރިސޯޓުން އެކަންޏެވެ. ނަމަވެސް 1،000 ޑޮލަރުން މަތިން ސާވިސް ޗާޖު ބެހި ގިނަ އަދަދެއްގެ ރިސޯޓުތައް ހިމެނެ އެވެ.

ގިނަ ރިސޯޓުތަކުގެ ސާވިސް ޗާޖު މިމަހު ދަށްވެފައި ވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. މި މަހަކީ ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ރާއްޖެއަށް އެންމެ ގިނަ އަދަދަށް ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 103،219 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ.

ސާވިސް ޗާޖު ނަގައި އެ ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ވެސް ކަމަކެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ. ރާއްޖޭގައި 140 އެއްހާ ރިސޯޓު ހިންގަމުންދާއިރު ސާވިސް ޗާޖުގެ މައުލޫމާތަކީ ސަރުކާރުން ރަސްމީކޮށް އާއްމު ކުރާ ހިސާބުތަކެއް ނޫނެވެ.