މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފި އެވެ.
ދުބާއީގެ ކުންފުންޏަކުން ތަރައްގީކުރި އެއާޕޯޓު ހިންގަނީ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްގެންނެވެ.
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނިން ބުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި މި ޓާމިނަލްގެ މަސައްކަތް ހަވާލުކުރެވޭނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 900 އަކަމީޓަރު ބޮޑުކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، ދެ ފަންގިފިލާއަށް ތަރައްގީކުރާ މި ޓާމިނަލްގައި ވީއަޕީގެ އިތުރު ލައުންޖްތައް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ މެންދަމު 12:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީއޯއައިގެ ފޯމް ފުރިހަމަކުރުމަށްފަހު އީމެއިލްކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިއުއުލާނު ކޮށްފައިވާއިރު، 2021 ވަނަ އަހަރު ވެސް އެ އެއާޕޯޓުގެ ޓަމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އޭގެ ފަހުން 2023 ވަނަ އަހަރު ވެސް ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފައިވެ އެވެ.
މާފަރު އެއާޕޯޓު ހުޅުވައިފައި ވަނީ 2019 ވަނަ އަހަރު އެވެ. އަދި މި ތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖުލައިގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގާ ސަރަހައްދުގައި އޮންނަ އެއާޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް ޖައްސާ އެއާޕޯޓެކެވެ.
މާފަރު އެއާޕޯޓު ތަރައްގީކޮށްފައި ވަނީ، ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައް ވެސް ޖެއްސޭ ގޮތަށެވެ.