ކޮވިޑާ ހެދި އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ސިންގަޕޫރު އެއާލައިންސްގެ ދަތުރުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަލުން ފަށައިފި އެވެ.

ސިންގަޕޫރު އެއާލައިންސް (އެސްކިއު)ގެ ދަތުރުތައް އަލުން ފެށީ އެ އެއާލައިނުން ހިންގި ސިލްކް އެއާގެ އޮޕަރޭޝަންތައް ހުއްޓާލުމާ ގުޅިގެންނެވެ.

އެ އެއާލައިނުން ހަފުތާއަކު ތިން ދަތުރުކުރެ އެވެ.

ރާއްޖެއަށް މެދުނުކެނޑި ދަތުރުތައް ކުރާ އެންމެ ގިނަ ދުވަސްވީ އެއާލައިނުން މިހާރު ރާއްޖެ އަންނަނީ ނެރޯ ބޮޑީ 162 މީހުންގެ ޖާގައިގެ އެއާކްރާފްޓެވެ. އެއީ ބަޖެޓް އެއާލައިނެއްގެ ގޮތުގައި އޮޕަރޭޓްކުރި ސިލްކް އެއާ އިން ވެސް ބޭނުންކުރި ސައިޒުގެ މަތިންދާބޯޓެވެ. އަދި މިހާރު ދަތުރުކުރަނީ ވެސް ސިލްކް އެއާއިން ދަތުރުކުރި ގޮތަށް ދުވާލު އެކަންޏެވެ. އެއީ 11:55 ގައި ޖެއްސުމަށްފަހު 12:55 ގައި ފުރާ ގޮތަށެވެ.

ސިންގަޕޫރު އެއާލައިންސްއިން މިއަދު ރާއްޖެއައި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. ފޮޓޯ: ވީއައިއޭ

ނަމަވެސް އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން ރޭގަނޑަށް ދަތުރުތައް ބަދަލުކުރާނެ އެވެ. އޭރުން ދަތުރުކުރާނީ 10:10 ޖެއްސުމަށްފަހު 11:25 ފުރާ ގޮތަށެވެ.

އެސްކިއު އިން 337 މީހުންގެ ޖާގައިގެ ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ރާއްޖެއަށް ފަށަން ހަމަޖެހިފައި ވަނީ ޖޫން 1 ން އޮކްޓޯބަރު 29އާ ދެމެދު އެވެ.