އެސްޓީއޯއިން މި ރޯދަމަހާ ދިމާކޮށް ފިޔާ، އަލުވި އަދި ބިސް ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް ފިޔާ ކިލޯއެއް މިހާރު ވިއްކަނީ 9.50 ރުފިޔާ އަށެވެ. އަދި އަލުވި ކިލޯއެއް 9 ރުފިޔާއަށް، އަދި ބިހެއް 1.40 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް މިއަހަރު ވިއްކަނީ 200 ރުފިޔާ އަށެވެ. އަލުވި ބަސްތާއެއް 185 ރުފިޔާއަށް ވިއްކާއިރު ބިސް ކޭހެއް 265 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ގަތުމުގެ ކުރިން މިތަކެތި ޗެކުކުރެވޭނެ އިންތިޒާމު މިއަހަރު އެސްޓީއޯގެ ފިހާރަތަކުން ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ސުޕަމާޓުން ރީޓެއިލްކޮށް މިތަކެތި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ހޯލް ސޭލްކޮށް ވެސް މިތަކެތި ވިއްކާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.