ރާއްޖޭގެ އިގްތިސާދީ ދުވެލި މިހާރު ހުރީ ރަނގަޅު މިސްރާބަކަށް ކަމަށާއި މިއަހަރު އިގްތިސާދަށް 34 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ ކައުންސިލް އިންތިހާބާ ދިމާކޮށް ށ. އަތޮޅުގެ ރައްޔިތުންގެ ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ކުރި ލަފާކުރި ނަމަވެސް މިހާރު ލަފާ ކުރެވެނީ ރާއްޖެއަށް މިއަހަރު 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ކަމަށެވެ.

"2020 ވަނަ އަހަރު މިއައި އިގްތިސާދީ ކްރައިސިސްއަށް ފަހު، ރާއްޖޭގެ އިގްތިސާދީ ދުވެލި މިހާރު މިހުރީ ރަނގަޅު މިސްރާބަކަށް. 2020ވަނަ އަހަރާ އަޅާ ބަލާއިރު، 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ގާތްގަނޑަކަށް 34 ފަސަންޓު ކުރިއެރުމެއް ލިބިގެންދާނެ، އެއް މިލިއަން ފަތުރުވެރިން އަޔަސް، އެކަމް މިހާރު ފެނިގެން މިދަނީ 2021 ވަނަ އަހަރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފްސީލް ވެސް އެ ބައްދަލުވުމުގައި ދެއްވައިފަ އެވެ. އެގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ބޮޑެތި މަޝްރޫޢުތަކުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"2019 ވަނަ އަހަރު ހަ ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް އެވޯޑް ކުރެވިފައި ވަނީ. 2020 ވަނަ އަހަރު ތިން މިލިއަނެއްހާ ރުފިޔާގެ ޕްރޮޖެކްޓްތައް އެވޯޑް ކުރެވިފައި ވަނީ. މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 12 ބިލިއަނެއްހާ ރުފިޔާގެ ޕްރޮޖެކްސްޓްތައް ހަމައެކަނި ޓެންޑަ ބޯޑުން އެވޯޑްކުރެވިފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.