ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މުރާޖައާކޮށް އާ އަގެއް ފިޝަރީޒް މިނިސްޓްރީން އިއްޔެ ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން އަލަށް ކަނޑައެޅި ފްލޯ ޕްރައިސްގައިވާ ގޮތުން ކަޅުބިލަ މަހާއި ރީނދޫ އުރަހަ ކަންނެލި، 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަސް ގަނެވޭނެ އެންމެ ދަށް އަގަކީ ކިލޯއެއް 13 ރުފިޔާ ކަމުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި ކަޅުބިލަ މަހާއި ރީދޫ އުރަހަ ކަންނެލި، 1.5 ކިލޯ އިން ދަށުގެ މަސް ގަނެވޭނެ އެންމެ ދަށް އަގަކީ 5.15 ރުފިޔާ އެވެ.

މީގެ ކުރިން ފިނިކުރި ކަޅުބިލަމަސް ކިލޯއެއް މަސް ކުންފުނިތަކުން ގަންނަމުންދިޔައީ 20ރ. އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނަމުން ދިޔައީ 18ރ. އަށެވެ.

ސަރުކާރުން އެ އަގުތައް ކަނޑައެޅިއިރު، މަސް ގަންނަ އަމިއްލަ ދެ ކުންފުނި ކަމަށްވާ ހޮރައިޒަން ފިޝަރީޒް އާއި އެންސިސް އިން މަސް ގަންނަމުން ދަނީ އެއް ކިލޯއިން ދަށުގެ މަސް އައިސް އާއެކު ފަސް ރުފިޔާ އަށެވެ. އަދި އައިސް ނޫން ނަމަ ހަތަރު ރުފިޔާ އަށެވެ. އަދި އެއް ކިލޯއާއި ދޮޅު ކިލޯއާ ދެމެދުގެ މަސް ކިލޯއެއް އައިސްއާއެކު 10ރ. އަށެވެ. ފިނި ނުކުރާ ނަމަ ކިލޯއެއް 8ރ. އަށެވެ.

އެއް ކިލޯއަށް ވުރެ ބަރު ފިނިކުރި މަސް ކިލޯއެއް 15. ރ. އަށެވެ. އަދި ފިނި ނުކުރާ ނަމަ 13ރ. އަށެވެ. މިއީ ވަގުތުން ފައިސާ ދީގެން ގަންނަ އަގެވެ. އަދި 30 ދުވަހުގެ ކްރެޑިޓް ދޭ ނަމަ އަގުތައް މިއަށްވުރެ ބޮޑެވެ. ނަމަވެސް އެއީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކެއް ނޫނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކަޅުބިލަ މަހުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެ އަތުން މަސް ގަނެ، ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް އެ މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކުންފުނިތަކުންނާއި މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ސިޔާސަތަކީ ފުޅާ ދާއިރާއެއްގައި އެކްސްޕޯޓް ކުރުމަށް މަސްގަންނަ ފަރާތްތަކަށް ހިނގާ ސިޔާސަތަކަށްވާތީ މަސް ކައްކާ ހިއްކާ ފަރާތްތަކާއި އެ ނޫންވެސް ކަޅުބިލަމަސް ގަންނަ އެހެނިހެން ފަރާތްތަކުން ފްލޯ ޕްރައިޒް ސިޔާސަތަށް އަަމަލު ކުރާކަށް ނުޖެހޭނެ ކަމަށެވެ.

ދޯންޏެއްގައި މަސްވެރިންތަކެއް މަސް ބާނަނީ. ގަވައިދާ ހިލާފުވުމުން ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭ. ފޮޓޯ: ޒުވާން މަސްވެރިޔާ

މަސްވެރިންގެ އަދި މަސް ގަންނަ ފަރާތްތަކުގެ އާމްދަނީ އާއި ޚަރަދުގެ މައްޗަށް ރިއާޔަތްކޮށް ކަނޑައަޅާ ފްލޯ ޕްރައިސް އެންމެ ފަހުން މުރާޖައާކޮށްފައި ވަނީ މެއި 13، 2010 ގަ އެވެ.

ސަރުކާރުގެ މަސް ކުންފުނިން އިއްޔެ ބުނީ ސަރުކާރުން ގެނައި ބަދަލާއެކު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިފްކޯ އަށް މަސް ގަންނާނީ އެއިރެއްގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަށެވެ.

ސަރުކާރުން އަލަށް ހަމަޖެއްސި އަގުތަކާ މެދު ބައެއް މަސްވެރިންގެ ހިޔާލު ތަފާތެވެ.

ބައެއް މަސްވެރިން ބުނީ ހަތް އަހަރަށްފަހު، ކަޅުބިލަމަހުގެ އަގު ދަށްކޮށް، މަސްކިރުވާތާ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޭން އިއުލާން ކުރުމަކީ، މަސްވެރިންގެ މެދުގައި މަސްހުނި ޚިޔާލުތަކެއް ހުރިކަމެއް ކަމަށެވެ. އަދި އަގު ކަނޑައަޅަންވާނީ ބާޒާރުން ކަމަށް ވެސް އެ މީހުން ދެކެ އެވެ.

"[މަހުގެ] އަގު މަތިވުން ނުވަތަ ދަށްވުން އެއް އުސޫލަކަށް ހިފަހެއްޓެންވާނެ. ވަގުތުން ފައިސާ ލިބެންވާނެ،" މަސްވެރިން ބުނެފައިވެ އެވެ.