ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ކޮމްޕްރޮމައިޒް ވާ ހާލަތްތަކުގައި ވެސް މާލީ ގެއްލުމެއް ނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ކާޑުގެ މުއާމާލަތްތަކުގެ ފުރިހަމަ ރައްކާތެރިކަން ލިބޭނެކަން ކަށަވަރުކޮށްދީ ބީއެމްއެލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ސިސްޓަމްތައް ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ކާޑުތަކުގެ ބައެއް މައުލޫމާތު ވަކި ޕަބްލިކް ޑޮމެއިންތަކުގައި ފެންނަން ހުރެދާނެ ކަމަށާއި އެ ބޭންކުން ބުނި ގޮތުގައި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ކާޑު ދޫކުރާ ފަރާތްތަކުގެ އެތައް މިލިއަން ކަސްޓަމަރުންނަށް ވެސް ދިމާވާ ހާލަތެކެވެ.

ކަސްޓަމަރުން ގަބޫލުނުކުރާ މުއާމަލާތްތަކާއި މުދާ ނުވަތަ ހިދުމަތް ލިބިފައިނުވާ މުއާމަލާތްތަކަށް، ބޭންކުގެ އުސޫލުތަކާއި ކާޑު އެސޯސިއޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްޕިއުޓް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެކަން ފާހަގަކޮށް ބޭންކުން ބުނީ ކާޑުގެ މައުލޫމާތު ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ވެސް، ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމަށެވެ.

ބީއެމްއެލުން ބުނީ ކާޑުގެ މައުލޫމާތުތައް ކޮމްޕްރޮމައިޒްވާ ހާލަތްތަކުގައި ކޮންމެ ހާދިސާއެއްގެ މައުލޫމާތު ކާޑު އެސޯސިއޭޝަންތަކުން ބޭންކަށް އަންގަމުންދާނެ ކަމަށާއި ކޮމްޕްރޮމައިޒްވާ ކާޑުތައް ވަގުތުން ބްލޮކްކޮށް، ކަސްޓަމަރުންނަށް އައު ކާޑު ދޫކުރާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ކާޑު އަދި ޕޭމަންޓް ސިސްޓަމްތައް ގާއިމްކޮށްފައި ވަނީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ޑޭޓާ ސެކިއުރިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް ކަމަށާއި "ވިސާ ތްރީޑީ ސެކިއޯ"، "މާސްޓަކާޑު ސެކިއޯކޯޑް" އަދި "އެމެރިކަން އެކްސްޕްރެސް ސޭފްކީ" ފަދަ ބައިނަލްއަގްވާމީ ކާޑު އެސޯސިއޭޝަންތަކުގެ ސެކިއުރިޓީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ކަމަށެވެ.

އެހެންކަމުން އޮންލައިންކޮށް ކާޑުން ކުރެވޭ ހުރިހާ މުއާމަލާތްތަކަށް އެކަށީގެންވާ ވެރިފިކޭޝަން ޕްރޮސެސްއެއް ހިންގައި، މަލްޓި- ފެކްޓާ އޮތެންޓިކޭޝަން ބޭނުންކުރެވޭ ކަމަށާއި ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެ މިފަދަ އަމަލެއް ހިނގަމުންދޭތޯ ބަލަން އެ ބޭންކުން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ބީއެމްއެލުން ބުނެ އެވެ.