އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާއި، މިކުންފުނީގައި ބޭނުންކުރާ ކަރުދާސް މަދުކުރުން ނުވަތަ ޕޭޕާލެސް ޓްރާންސިޝަން މިއަދު އިފްތިތާހުކޮށްފި އެވެ.

މި ދެ ކަންތައް ވެސް މިއަދު އިފްތިތާހުކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލް ކަރީމް އެވެ.

ސްޓެލްކޯ އިން ބުނީ އެއާއެކު އެކުންފުނިން ހިންގަމުން ގެންދާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާތަންތަނަށް ވެގެންދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކޮންމެ މުވައްޒިފަކަށް ވެސް ވަނީ ރީ-ޔޫސަބަލް ފެންފުޅިއާއި، ފޮތި ދަބަސްވެސް ހަވާލު ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި، އެ ކުންފުނީގައި ބޭނުންކުރާ ކަރުދާސް މަދުކުރުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މީގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއަޅާ މިގާއިމް ކުރެވުނު ނިޒާމްގެ ތެރެއިން ވަނީ ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފްލޯތަކެއްގައި ވޯޓާ ޑިސްޕެންސާ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުންކުރެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސާދީފަ އެވެ. އަދި އެ ކުންފުނީގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތަކުން ވެސް ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ކުރެވޭ ތަކެތި އެތެރެއަށް ވަންނަވާއިރު ބަހައްޓަވާލެއްވޭނެ އިންތިޒާމް މިހާރު ވަނީ ގާއިމް ކުރެވިފަ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު މުޣުނީ ވިދާޅުވީ، މިއަދު ފެށި "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ގިރާކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި، އެ ކުންފުނީގައި ބޭނުންކުރާ ކަރުދާސް މަދުކުރުން ވަނީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

"އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް އެކީ އެއްފަހަރާ މުޅި ކުންފުނީގައި ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރުވާ މިފަދަ ޕްރޮގްރާމެއް ފަށައިގަންނަ ފުރަތަމަ ކުންފުންޏަކަށް މިކުންފުނި ވެގެން ދާނެ. ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މިކުންފުނީގެ ބޭނުންތަކަށް 2،800 ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާނަމަ، 33،000 ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށްކޮށް ތިބެން އެހާ ފަސޭހައެއްނޫން،" މުޣުނީ ވިދާޅުވި އެވެ.

އޭގެ އިތުރުން ޒަމާނުއްސުރެ ތިމާވެއްޓާ އެހާ ރައްޓިހި ނޫން ގޮތަކަށް ކަންކަން ރޭވި ހިނގަމުންދާ ގޮތަކަށް އޮންނަ ކުންފުނި މިއަދުގެ ފަހުން ތިމާވެއްޓާ ރައްޓެހި ނަމޫނާ ކުންފުންޏެއްގެ ގޮތުގައި މުޖުތަމައު ދެކިގެންދާނެ ކަމަށާއި، އަދި މިކަން ތައާރަފް މިކުރެވެނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރޭން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ ކުންފުނިން ބުނީ ޒަމާނުއްސުރެއް ކަރުދާސް ޕްރިންޓްކޮށްގެން ބޭނުން ކުރަމުން ދިޔަ ދިޔުން މިއަދު އިފްތިތާހު ކުރެވޭ ޕްރޮގްރާމްގެ ދަށުން މަދުވެ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 އިންސައްތައަށް މިއަހަރު ނިމޭއިރު ކުޑަކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ގާއިމް ކުރެވޭ ނިޒާމުގެ ސަބަބުން މަސައްކަތަށް އަވަސްކަން ލިބި ވަގުތު ސަލާމަތްވެ ފަސޭހަކަން ލިބުމާއި ހަރަދު ކުޑަވުން މިއީވެސް ތިމާވެށި ސަމާލަތް ކުރުމަށް މި ކުންފުނިން ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ހާސިލް ކުރާނެ މުހިންމު ލަނޑުދަނޑިތަކެއް ކަމަށް މެޖޭނިން ޑިރެކްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ނޭޝަނަލް އިންޓަގްރިޓްރީ ކޮމިޝަންގެ ރައީސް ގާސިމް އަބްދުލް ކަރީމް ވިދާޅުވީ ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް މިހާރު ޕްލާސްޓިކް ބޭނުންކުރަމުންދާ ކަމަށާއި، އެމައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ ފަދަ ބޮޑެތި ކުންފުނިތަކުން އިސްނެގުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި އެހެން އިދާރާތަކާއި، ކުންފުނިތަކުންވެސް ސްޓެލްކޯއިން މި ދެއްކި ނަމޫނާ އާއި އެއްގޮތައް ސިންގަލް ޔޫސް ޕްލާސްޓިކާއި ދުރުވެ، ކަރުދާސް މަދުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.