ތިން މުވައްޒަފަންނާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯލް ސެންޓަރެއް ފުވައްމުލަކުގައި މިއަދު ހުޅުވައިފި އެވެ.

އެ ކުންފުނިން ބުނީ ފުވައްމުލަކުގައި މިއަދު އިފްތިތާޙުކުރި ކޯލް ސެންޓަރަކީ، އެ ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވާ އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"މި ކުންފުންޏާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް މި ކުންފުންޏަށް ގުޅާ ޙިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ މި ކޯލް ސެންޓަރުގެ މައިގަނޑު އެއް އަމާޒު. މީގެ އިތުރުން ވެސް މި ކޯލް ސެންޓަރުގެ ސަބަބަބުން ފުވައްމުލައް ސިޓީގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، މި ކުންފުންޏާއި ފުވަމުލަކުގެ ރައްޔިތުންނާ ކައުންސިލް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ފުވަމުލައް ތަރައްގީކުރުމަށް މި ކުންފުނީގެ ފަންނީ ތަޖުރިބާ އާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމުގައި މިކުންފުނިން ގަބޫލުކުރަން،" އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެޗްޑީސީން ފުވައްމުލަކުގައި ހެދި ކޯލް ސެންޓަރު ހުޅުވުމަށް އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެޗްޑީސީ

ވޭޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ކޯލް ސެންޓަރުގެ ސަބަބަބުން ކުންފުނިން ދެމުންގެންދާ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އަދި ފުވަމުލަކުގެ ރައްޔިތުންނާއި އެ ކުންފުންޏާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގެ ބައިވެރިންނާއި ވާހަކަދައްކަވަމުން ފުވަމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުން ހުރީ ހަމައެކަނި ކޯލް ސެންޓަރަކަށް ނޫން ކަމަށާއި، އެޗްޑީސީގެ އާބަން ސިޓީއެއް ތަރައްގީކުރުމުގެ ފުރިހަމަ ތަޖުރިބާގެ އަލީގައި ފުވައްމުލަކަށް އެތައް ތަރައްގީއެއް ގެނައުން ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރަށްތައް ލާމަރުކަޒީކޮށް ތަރައްގީކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާވާ މަސައްކަތްތައް ފާހަގަކުރައްވައި މިއަދު ފެށުނު ގުޅުމުގެ ސަބަބުން އެކން ފުރިހަމަކުރުމުގެ މަގު ވަރަށް ބޮޑަށް ފަހިވިކަން އޭނާ ފާހަގަކުރެއްވި އެވެ.

އެޗްޑީސީން ބުނީ މިހާރު ޖުމްލަ ތިން މުވައްޒަފަންނާއެކު ހުޅުވި ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން ދާނީ ފުވައްމުލަކުން ހޮވި ކުދިން ކަމަށެވެ. އަދި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ތަމްރީން ޕްރޮޤްރާމްތަކެއް އެ މުވައްޒަފުންނަށް ހިންގާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.