ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ "ފްލައި ޑުބާއީ) ދެ އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.

ޔޫއޭއީ ދަ ނެޝަނަލް ކިޔާ ނޫހެއްގައި ބުނެފައި ވަނީ އަންނަ މަހުގެ 29 ވަނަ ދުވަހުން ހަފުތާއަކު ހަތަރު ފްލައިޓް ރާއްޖެއަށް އެ އެއާލައިނުން އޮޕަރޭޓްކުރަން ނިންމާފައިވާ ކަމަށެވެ.

އެ އެއާލައިނުން ބުނެފައި ވަނީ އިކޮނޮމީ އަދި ބިޒްނަސް ކްލާސް ހިމެނޭ އެއާލައިނުން ރާއްޖެއަށް ކުރާ ހަތަރު ގަޑިއިރުގެ ދަތުރުތަކުގައި އިކޮނޮމީ ކްލާސް އެއްކޮޅު ޓިކެޓެއް ވިއްކަން ނިންމާފައި ވަނީ 1،595 ދިރުހަމް ( ގާތްގަނޑަކަށް 435 ޑޮލަރު) އަށެވެ.

ފުލައި ޑުބާއީން ރާއްޖެއަށް ދަތުރުކުރަން ނިންމާފައި ވަނީ އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ. މާލެ އަންނާނީ ހެނދުނު 10:35 ގަ އެވެ. އަދި މާލެއިން ފުރާނީ ރޭގަނޑު 11:30ގަ އެވެ.

އެ އެއާލައިނުން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2013 ވަނަ އަހަރު އެވެ. ނަމަވެސް ޑިމާންޑް ދަށްވުމުން 2018 ވަނަ އަހަރު ދަތުރުތައް މެދުކަނޑާލީ އެވެ.

ފްލައި ޑުބާއީން 40 ތަނަކަށް މިހާރު ވެސް ދަތުރުކުރެ އެވެ. އަދި އެ އެއާލައިނުން ވަނީ ނޮވެމްބަރު 30ގެ ނިޔަލަށް ދަތުރުކުރާ ފަސިންޖަރުންނަށް ހިލޭ ކޮވިޑް -19 މެޑިކަލް ކަވާ އިންޝުއަރެންސް ޕެކޭޖެއް ވެސް ދޭ ގޮތަށް ނިންމާފައިވެ އެވެ.