ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިއްޔެ އިފްތިތާހުކޮށްފި އެވެ.

އެޗްޑީސީގެ މިއަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްރިތާހުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި މިރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޒަކީ އަހުމަދާއި، ޓިވެޓް އޮތޯރިޓީގެ ހިންގުމާ މިހާރު ހަވާލުވެ ހުންނެވި ހަޔަ އެޑިއުކޭޝަނުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމާއި، މޯލްޑިވްސް އިންސްޑިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއަޓީ)ގެ ޑިރެކްޓަރު އޮފް ޕްރޮގްރާމްސް އާދަމް ހަލީމްގެ އިތުރުން އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެޗްޑީސީ އެޕްރެންޓިސް ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެތެރެއިން. ފޮޓޯ: އެޗްޑީސީ

މިއަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމުގެ ދަށުން 60 ދަރިވަރުންނާއި އެ ކުންފުނީގެ 30 މުވައްޒަފުން ތަމްރީންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ޕްރޮގްރާމް ހިންގުމަށް އެމްއައިޓީއާއެކު މިދިޔަ ޑިސެމްބަރު މަހު އެމްޔޫއޯއެއްގައި ސޮއިކޮށްފައިވާއިރު، މިއީ ޓިވެޓްގެ ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގެ ގައިޑްލައިނާ އެއްގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ލެވެލް ތިނެއްގެ ސަނަދަކާއި، މަސައްކަތުގެ ތަޖުރިބާ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ހަތަރު މަހަށް ކުރިއަށްދާ މިޕްރޮގްރާމުގެ ބައިވެރިންނަށް އެލަވެންސްއެއްގެ ގޮތުގައި މަހަކު 6،000ރ. ލިބޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ހެވީވެހިކަލް، ވެލްޑިން، މޭސަނަރީ، ގާޑަނިން، އިލެކްޓިކަލް އަދި ކޮންސްޓްރަކްޝަންގެ ދާއިރާއިން ދަރިވަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ޕްރޮގްރާމުގެ މަގްސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ޒުވާނުންނަށް ފުރުސަރު ހޯދައިދީ ކުރިއަށްދާނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި މީގެ އިތުރުން، ޒުވާނުންނަކީ ކޮންމެ މަސައްކަތެއް ވެސް ކުރަން ފަސްނުޖެހޭނެ ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމުގެ އަމާޒެއް ކަމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.