އެމްޑަބްލިޔުއެސްސީން ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މިމަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ، ކުމުންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ، ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުމުންދޫއަށް ގެންގޮސް، ހޮޅިވަޅުލުމުގެ މަސައްކަތާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި ދިހަ ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއި، 2.4 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ފަސް ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމްކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫއަށް ޖުމްލަ 102,170,029.15 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.