މާލެ ކައިރީގައި އޮންނަ ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމާމެދު އާއްމުން ދެކޭގޮތް ބެލުމަށް ޚާއްސަ ސާވޭއެއް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގުޅިފަޅު ބަނދަރުގެ އީއައިއޭ ކޮންސަލްޓު ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ގްރޫޕް ލަމަޔައިން އޮންލައިންކޮށް ކުރިއަށްގެންދާ މި ސާވޭއަކީ އެ މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ ސާވޭއެއް ކަމަށެވެ. ލަމަޔައަކީ ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އީއައިއޭ ކޮންސަލްޓަންޓެވެ.

އެ މިނިސްޓްރީން ބުނީ މި ސާވޭއަކީ މި މަޝްރޫއަށް ބޭނުންވާ އީއައިއޭގެ މަސައްކަތްތަކުގެ ތެރެއިން ކުރާ ސާވޭއެއް ކަމަށެވެ.

މި ޕްރޮޖެކްޓް ވެސް ކުރިޔަށް ގެންދަން ނިންމާފައި ވަނީ އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.

އެ ސާވޭގެ ސުވާލުތައް އަމާޒުކޮށްފައި ވަނީ މާލޭގެ ބަނދަރުތަކުން ދެމުން އަންނަ ޚިދުމަތްތައް ގުޅިފަޅަށް ބަދަލުކުރުމުން އަންނާނެ ބަދަލުތައް އެނގިފައިވަނީ ކިހާ ވަރަކަށްތޯ އާއި އޭގެ ސަބަބުން ދިމާވާނެ ފަސޭހަތަކާ ބެހޭ ގޮތުންނެވެ. އަދި މި މަޝްރޫގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނޭ މިންވަރާމެދު އާއްމުން ދެކޭގޮތް އޮޅުން ފިލުވުމަށް ވެސް ސުވާލު ހިމަނާފައިވެ އެވެ.

މާލޭގެ ކޮމާޝަލް ހާބަރު ގުޅިފަޅަށް ބަދަލުކުރުމަށް އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެ ތަނުގެ ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ނިންމައިފަ އެވެ.

އާ ސަރުކާރުން ގުޅިފަޅުގައި އެ ބަނދަރު ހަދަން ނިންމުމުން އިދިކޮޅު ޕީޕީއެމް އިން އަންނަނީ އެކަމަށް ފާޑުކިޔަމުނެވެ. އެ ޕާޓީން ބުނަނީ ގުޅިފަޅުގައި އެ ބަނދަރު ހެދުމުން މާލެ ސަރަހައްދުގައި ގޯއްޗާއި ފްލެޓް އިމާރާތްކުރަން އޮތް ބިމުގެ ޖާގަ ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ. އެހެން ކަމުން އެ ބަނދަރު ހަދަން އެންމެ ރަނގަޅީ ތިލަފުށި ކަމަށް ވެސް އެ ޕާޓީން އަންނަނީ ބުނަމުންނެވެ.

ސަރުކާރުން ބުނެފައި ވަނީ މާލޭ ކޮމާޝަލް ހާބަރާއި ނޯތު ހާބަރު އަދި ޓީ-ޖެޓީ ސަރަޙައްދުގެ ބައެއް ޚިދުމަތްތަކާއި މަސައްކަތްތައް ގުޅިފަޅު ބަނދަރަށް 2023 ގައި ބަދަލުކުރެވޭނެ ކަމަށެވެ.