އެމްޑަބްލިއުއެސްސީން ރ. ދުވާފަރުގައި ހެދި އައިސް ޕްލާންޓުން ވިއްކާ އައިސްގެ އަގު ހެޔޮކޮށްފި އެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ އެ ކުންފުނިން މިއަދުން ފެށިގެން އައިސް ޓަނެއް ވިއްކާ އަގަކީ 1،050 ރުފިޔާ ކަމަށެވެ.

ކުރިން އައިސް ޓަނެއް، ޖީއެސްޓީއާއެކު، ވިއްކީ 1،275 ރުފިޔާއަށް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން އައިސް ވިއްކާ އަގު ހެޔޮކުރީ ދުވާފަރާއި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށްކޮށް، އާއްމުކޮށް ހުރިހާ ފަރާތްތަކަށް، ވަކިން ޚާއްސަކޮށް މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީ އިން ރ.ދުވާފަރުގައި ގާއިމްކޮށްފައިވާ އައިސް ޕަލާންޓުން އައިސް މަސްދޯޏަކަށް ބަރުކުރަނީ: ފޮޓޯ އެމްޑަބްލިޔުއެސްސީ

މީގެ އިތުރުން އެމްޑަބްލިއުއެސްސީން ބުނީ މަސްވެރިކަމާއި އަދި އެހެނިހެން ވިޔަފާރިތަކާ ވަރަށްބޮޑަށް ގުޅިފައިވާ ޚިދުމަތަކަށް ވުމާއެކު، އެމްޑަބްލިޔުއެސްސީން ޚިދުމަތް ފޯރުކޮށްދެނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމު ޚިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި މަސްވެރިކަމަކީ އެތައް ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މަސައްކަތަކަށް ވެފައި، އިގްތިސާދަށް އެހާމެ ފައިދާކުރަނިވި މަސައްކަތެއްކަމުން، މި ޚިދުމަތުގެ ޒަރީއާއިން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިއްސާކުރުމަކީ ނުހަނު އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށް އެކުންފުނި ބުންޏެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓްއިން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ޚިދުމަތް ވެސް ދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 10:00 އާ ދެމެދު ދުވާފަރު ކަސްޓަމާ ސާވިސް މެދުވެރިކޮށް އައިސް އަށް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން އަންނަނީ ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމްކޮށް، 2013 ވަނަ އަހަރުން ފެށިގެން އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދެމުންނެވެ.