މިދިޔަ އަހަރުގެ ލިބުނު ސާފު ފައިދާއިން ހިއްސާއަކަށް 15 ރުފިޔާގެ މަގުން، ޖުމްލަ 80.7 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން ކަނޑައަޅައިފި އެވެ.

ބީއެމްއެލްއިން ހިއްސާއަކަށް 15 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ބޯޑުން ނިންމި ނަމަވެސް މިކަމާއި މެދު ގޮތެއް ނިންމާ ހިއްސާ ފާސްކުރުން އޮންނާނީ ބީއެމްއެލްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ކޮވިޑް-19ގެ ސަބަބުން ބީއެމްއެލްއަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ބިއެމްއެލްއަށް ލިބިފައިވަނީ 325 މިލިއަން ރުފިޔާ އެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 އިންސައްތަ އަށްވުރެ ބޮޑު ދަށްވުމެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެފައިވަނީ ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް، ކޮވިޑް-19 އިގެ ސަބަބުންނާއި އަންދާޒާކޮށްފައިނުވާ ގޮތަށް ވިޔަފާރި ހުއްޓުމަކަށް އައުމުން 2020 ވަނަ އަހަރުގެ އާމްދަނީ ވަރަށް ބޮޑަަށް ދަށްވެފައިވާ ކަމަށެވެ. އަދި މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު އެ ބޭންކުން ވެސް ގަދައަޅައި މަސައްކަތްކުރަމުންދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްކަމަށް ޓިމް ސޯޔާ ވިދާޅުވި އެވެ.

"މިދަތި އުނދަގޫ ދަނޑިވަޅުގައި ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކުރައްވާ އަޅުގަނޑުމެންނާ އެކު ކުރިއަށް ވަޑައިގަންނަވާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. ކަސްޓަމަރުން އެދޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ޕްރޮޑަކްޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާނަން،" ޓިމް ސޯޔާ ވިދާޅުވި އެވެ.

ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައެވެ.2019ވަނަ އަހަރު ބީއެމްއެލްއިން ވަނީ 139 މިލިއަން ރުފިޔާ ހިއްސާގެ ގޮތުގައި ބަހާފަ އެވެ.

އެއަހަރު ހިއްސާއަކަށް ބީއެމްއެލްއިން ބަހާފައިވަނީ 26 ރުފިޔާ އެވެ. ބީއެމްއެލްގެ މައިގަނޑު ހިއްސާދާރުންނަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. 33.7 އިންސައްތަ ހިއްސާއަކީ އާންމު ހިއްސާދާރުންގެ ހިއްސާ އެވެ.