ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާ އިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ޓީބިލުގެ ގޮތުގައި ދިން މި ފައިސާގެ ތެރެއިން ނުދައްކާ 100 މިލިއަން ޑޮލަރު އެބައޮތެވެ. އަހަރުގެ ދެ ހިސާބެއްގައި މި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވާއިރު، މީގެ ކުރިން ވެސް އިންޑިއާ ސަރުކާރުން ވަނީ ފަައިސާ ދެއްކުމުގެ މުއްދަތު ފަސްކޮށްދީފަ އެވެ.

މި ލޯނަކީ މި މަހުގެ ތެރޭގައި ރާއްޖެ އިން އިންޑިއާ އަށް ދައްކަން ޖެހޭ ލޯނެކެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް މި ލޯނު ދައްކަން ރާއްޖެއަށް ޖެހުނެވެ. އެކަމަކު، އިންޑިއާ ސަރުކާރުން ވަނީ އެފަހަރު ވެސް އެ ފައިސާ ދެއްކުން އެއް އަހަރަށް ފަސްކޮށްދީފަ އެވެ.

މިފަހަރު ވެސް ލޯން ދެއްކުން ފަސްކޮށްދިނީ އެއް އަހަރު ދުވަހަށެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު 'އެކްސް'ގައި ވަނީ، ޓީބިލުގެ ގޮތުގައި އިންޑިއާ އިން ރާއްޖެއަށް ދޫކޮށްފައިވާ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައިވާތީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހަލީލް ވަނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ މާލީ އެހީތެރިކަން އިންޑިއާ އިން ފޯރުކޮށްދޭތީ ވެސް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިކަމުން ދައްކައިދެނީ، ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ގާތް ގުޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ހަލީލް ވަނީ އިންޑިއާއަށް ނެގި 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމުން ރާއްޖޭގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް ސަރުކާރުން އަޅަމުން އަންނަ މާލީ އިސްލާހުތައް ގެނައުމަށް ސަރުކާރަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.