އެމްޑަބްލިޔުއެސްސީއިން އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫޢުގެ މަސައްކަތް އިފްތިތާހުކޮށް ދެއްވާފައިވަނީ، ހަންޏާމީދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދު އާއި އެމްޑަބްލިޔުއެސްސީގެ ބޯޑް މެމްބަރު އަދި އައިލެންޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ އިބްރާހިމް އަންވަރު އެވެ.

މި ރަސްމިއްޔާތުގައި މި ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހަންޏާމީދުއަށް ގެނެވި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން އަންނަ ކަމަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރެވެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އދ.ހަންޏާމީދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްޑަބްލިޔުއެސްސީ

މީގެ އިތުރުން އެމްޑަބްލިޔުއެސްސީއިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި، ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެ އެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އދ.ހަންޏާމީދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހު ވާހަކަ ދައްކަވަނީ. ފޮޓޯ: އެމްޑަބްލިޔުއެސްސީ

ހަންޏާމީދޫގެ ފެނުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ.

މި މަޝްރޫޢުއަށް ޖުމްލަ 21,651,878,00 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދޫ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ އެވެ.