ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް އެދޭ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު މިމަހުގެ 14ގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބާ ކޭބަލެއް އަޅާފައިވާ ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރުން 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް ކަނެކްޝަން ފީން ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެން ކުރިއަށް މި ގެންދާ ޕޮރޮމޯޝަންއަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުވުމުގެ ސަބަބުން އަޅުގަނޑުމެން ބޭނުންވީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގުގެ ނެޓްވޯކާ ގުޅި، ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ބޮޑު އެލަވަންސް ލިބޭ ޕެކޭޖްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުު ފަހި ކޮށްދޭން،" ދިރާގު މެނޭޖަ ކޮންސިއުމާ ޕޯސްޓްޕެއިޑް އަދި އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވި އެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދޭ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ގޭބިސީގެ 80 ޕަސެންޓަށް އަދި 64 ރަށަށް އެ ޚިދުމަތް ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.