މ. މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި މިފްކޯ ބަނދަރުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ކައުންސިލް އިންތިހާބަށް ތިން ދުވަހަށް ވެފައި ވަނިކޮށް އެ މަޝްރޫއު ރަސްމީކޮށް ފެށުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއިކުރީ މާޗް 29ގަ އެވެ. އެ މި މަޝްރޫއުގެ ދަށުން، 411.9 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ. އެ މަޝްރޫއަކީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 105 ދުވަހުގެ ތެރޭގަ އެވެ. މީމު މަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގައި ސޮއިކުރެވުނީ ފެބްރުއަރީ 11 ގަ އެވެ.

މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމާއި މަސް ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން، 240,22 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ. މި މަޝްރޫއަކީ 56.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 300 ދުވަހުގެ ތެރޭގަ އެވެ.