އާބަން ފާމިންގެ ގޮތުގައި ދަނޑުވެރިކަން ކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހޮވުނު ފަރާތްތަކާ ބިން ހަވާލުކުރުމުގެ ކުރިން ދެވޭ އަމަލީ ޓްރެއިނިން މިއަދު ރަސްމީކޮށް ފަށައިފި އެވެ.

އާބަން ފާމިންގެ ގޮތުގައި 48 ބިން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާއިރު މިފުރުސަތު ދެވިފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށެވެ.

އޮންލައިން ވެބައިނާއެއްގެ ގޮތުގައި ބޭއްވުނު ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީފާ ކެއިކޯ ޔަނައި އާއި، ޔޫއެންޑީޕީގެ ރެޒިޑެންޓް ރިޕްރެޒެންޓޭޓީވް އައިކޯ ފުޖީގެ އިތުރުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ބައިވެރިވެވަޑައިގެންނެވި އެވެ.

އާބަން ފާމިންގެ ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެޗްީސީ

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަހާ ވަނީ ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، މިމަޝްރޫއަކީ ކާމިޔާބު، ނަމޫނާ މަޝްރޫއަކަށް ހެދުމަށް އިލްތިމާސްކުރައްވައިފަ އެވެ.

މީގެ އިތުރުން އެޗްޑީސީގެ ފަރާތުން ވާހަކަ ދައްކަވަމުން އާތިފު ވިދާޅުވީ މި ޕްރޮގްރާމުގެ ބައިވެރިންނަށް ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި، އަދިވެސް އިތުރު މައުލޫމާތު ދަސްވެ ދަނޑުވެރިކަމުގެ ރޫހު ހުޅުމާޅޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއަކީ ޖަޕާނުގެ ހިލޭ އެހީގެ ދަށުން ހިންގާ ސަސްޓެއިނަބަލް އިކޮނިމިކް އެމްޕަވާމެންޓް ފޯ ޑިވެލޮޕްމެންޓް އޮފް އެމްއެއްއެމްއީސްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޗްޑީސީން ބުނީ މިޕްރޮގްރާމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އަންހެނުން ބަރުވެރިކުރުމާއި، މުޖްތަމައުގައި އުޅޭ އެންމެ ވަލްނަރަބަލް ފަރާތްތަކާއި މުޖްތަމައުގެ ތެރެއިން ކޮވިޑްގެ ސަބަބުން މާލީގޮތުން އެންމެ ބޮޑު އަސަރެއްކުރި މީހުންނަށް އެކަމުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގައި އެކަމުން އެކަށީގެންވާ އާމްދަނީއެއް ލިބޭނެގޮތެއް ހޯދައިދިނުން ކަމަށެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމާއި، އަދި ނެއިބަހުޑްތަކުގައި ގަސް ހެއްދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އާބަން ފާމިންއަށް ދޫކުރެވުނު ސަރަައއްދު. ފޮޓޯ: އެޗްީސީ

މި ޕްރޮގްރާމުގެ ދޫކުރުމަށް ހަމަޖެހިފައިވާ 48 ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ތިން މަސްދުވަހު އެއްވެސް ފީއެއް ނުނަގަ އެވެ. އަދި ބައިވެރިންނަށް އެކަށީގެންވާ އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.