ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާ ނެތިގެން 3.8 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ.
މީގެ ތެރޭގައި އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 175 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ އޮގަސްޓް 26 ގެ ނިޔަލަށް އަނބުރާ ދައްކާ 418.4 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.
މީގެ އިތުރުން މި އަހަރުގެ ނޮވެމްބަރު 17 ގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 989.8 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ މޭ 18 ގެ ނިޔަލަށް އަނބުރާ ދައްކާ 2.24 ބިލިއަން ރުފިޔާގެ ޓީބިލެއް ވެސް ހިމެނެ އެވެ.
ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް އާއްމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.
ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.
ހަހައްހަހާ!! އެއްވެސް އަގެއް ނެތް ދެލިތަކެއް ކާއްތާފަހުރި ހުސް ކަރުދާސްގަނޑެއް ހިފައިގެން މީހަކު ވަކި ކީއްކުރާނީ؟؟ ސަރުކާރުން ލާރިކާންވީމާ ހިތުހުރި ވައްތަރަކަށް ޙީލަތް ހެދީމާ އެކަން މައްސަލަ އަކަށް ނުވޭ ދޯ؟؟؟