އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދަން މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު ވިއްކާ ކުންފުނިން މިއަދު ބުނީ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައި ކަމަށެވެ.

"އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުން. މިގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި، ހިލަ، ހިލަހިލަވެލި، ދަގަނޑު، ޕުލައިވުޑް، ދަގަނޑު ހޮޅި، އަދި މީގެ އިތުރުން ޓިނު އަދި ޓިނާއި ބެހޭ ސާމާނު،" އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ ދެ އެޖެންޓުން ކަމަށެވެ. މިގޮތުން ނެގޭ އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ އެޖެންޓްކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން ދެ އަތޮޅަށް ކަމަށެވެ. އަދި ބީލަންކަރުދާސް ހުށަހަޅަން ޖެހެނީ މިމަހުގެ 25 ވަނަ ދުވަހުގެ 2:00ގެ ކުރިންނެވެ. ބީލަން ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އީމެއިލް އެޑްރެސްއަށެވެ.