ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަމަހު އަދި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތުގެ ގަޑިތައް ކަނޑައަޅައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބޭނެ،" އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް ހެނދުނު 10:00ގެ ކުރިން ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރުންމަތީގައި ދެންނެވިފައިވާ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އޮންލައިން ޓޯކަން

މާލޭގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ އެވެ. އަދި ހިދުމަތް ހޯއްދެވުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބެވި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ވެސް އެ ބޭންކުން އެދެ އެވެ.

އެޕޮއިންޓްމަންޓަށް ދެމުންދާނެ ހިދުމަތްތައް

ބީއެމްއެލް އިން ބުނީ އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އެޕޮއިންޓްމަންޓަށް ކަމަށެވެ. ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

"ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެނީ މި ދަނޑިވަޅުގައި ގޭގައި ތިއްބަވައިގެން ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިން ހިދުމަތްތައް ހޯއްދެވުމަށް،" އެ ބޭންކުން ބުންޏެވެ.