ހުޅުމާލޭގެ ފްލެޓްތަކުން ކުލި ނުދައްކާ މައްސަލަ ފެންމަތިވީ ހުޅުމާލެއިން ހިލޭ ބިން ދިނުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ފްލެޓުތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ކުލި ނުދައްކާނަމަ ނޯޓިސް ފޮނުވަން އެޗްޑީސީއިން ނިންމި ނިންމުން ގޯސް ކަމަށާއި އެފަދަ ނޯޓިސްއެއް ނުފޮނުވޭނެ ކަމަށެވެ.ސަބަބަކީ އެ ރައްޔިތުންނަކީ ވެސް ދިވެހި ރައްޔިތުން ކަމުގައިވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހުޅުމާލެއިން ހިލޭ ބިން ދޫކޮށް އެ ބިންތަކުގައި ބުރި ބުރިއަށް އިމާރާތްކޮށް އާމްދަނީ ހޯދުމަށް އެއް ބަޔަކަށް މަގު ފަހިކޮށްދީފައި އަނެއް ބަޔަކަށް ކުލި ދައްކައިގެން އުޅެން މަޖުބޫރު ނުކުރެވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ހިލޭ ބިންތައް ދިނުމަކީ ނިމިދިޔަ ސަރުކާރާއި މި ސަރުކާރުން ވެސް ހެދި ގޯހެއް ކަމަށެވެ.
ހުޅުމާލޭ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިހެއް ފޮނުވަން އެޗްޑީސީން ވަނީ ފަށާފަ އެވެ.
ހުޅުމާލޭގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ނުލިބިވާ އަދަދު 700 މިލިއަން ރުފިޔާއަށް އަރަ އެވެ.
ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ތެރެއިން އެޗްޑީސީން ބަލަހައްޓާ ފްލެޓްތަކުގެ އަދަދަކީ ޖުމްލަ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓުގެ ވެރިންނެވެ. އަދި 5،099 ފްލެޓްގެ ވެރިން ދުވަހަކު ވެސް ކުލި ދައްކާފައެއްނުވެ އެވެ.