ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި، ޔުނިވާސަލް ރިސޯޓްސް އިން ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތަކުގެ މުވައްޒަފުންނަށް މީގެ ފަހުން ސާވިސް ޗާޖު ރުފިޔާއިން ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ޓޫރިޒަމްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުރަތަމަ ފެށި ކުންފުނިން އެޅި މިފިޔަވަޅާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޔުނިވާސަލްއަށް ފާޑުކިޔަމުންނެވެ.

ޔުނިވާސަލް ރިސޯޓްސް މެނޭޖްމަންޓްގެ ޗީފް އޮޕަރޭޓިން އޮފިސާ (ސީއޯއޯ) ވިޝާ މާހިރު ސޮއި ކުރައްވާ މިމަހުގެ 9 ވަނަ ދުވަހު ނެރުނު މެމޯއެއްގައި ވަނީ އަންނަ ޖުލައި މަހުން ފެށިގެން، އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ރުފިޔާއިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތަށް ނިންމީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބޭރު ފައިސާގެ ގާނޫނާ ގުޅިގެން ވިޔަފާރިތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވަކި ވަރަކަށް ޑޮލަރު މާރުކުރަން ލާޒިމުކުރުމާ ގުޅިގެން އެ ކުންފުންޏަށް ކުރަމުންދާ އަސަރުތަކާ ގުޅިގެން ކަމަށް މެމޯގައިވެ އެވެ. އަދި މިއީ އޮމާންކަމާއެކު ރިސޯޓްތައް ހިންގަން ބޭނުންވާނަމަ ކޮންމެހެން ވެސް އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ވެސް އެ މެމޯގައި ބުނެފައިވެ އެވެ.

މީގެ އިތުުރުން ވެސް މި ގަވާއިދަށް އެއްވެސް ބަދަލެއް އާދޭތޯ މެނޭޖްމަންޓުން ބަލަމުންގެންދާނެ ކަމަށާއި، ދިވެހި ރުފިޔާގެ އެކައުންޓެއް ހުޅުވަން ބޭނުންވާ ނަމަ އެކަމަށް އެހީވާނެ ކަމަށް މެމޯގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ޔުނިވާސަލް ރިސޯޓްސްގެ ހެޑް އޮފީސް. ފޮޓޯ | ހުރިހާ

ޔުނިވާސަލް ރިސޯޓްސް އިން ރާއްޖޭގައި ޖުމްލަ 8 ރިސޯޓެއް ހިންގަ އެވެ. އެއީ ކުރުނބާ މޯލްޑިވްސް، ހުވަފެންފުށި މޯލްޑިވްސް، މިލައިދޫ މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ކަނޑޮޅު މޯލްޑިވްސް، ވެލައްސަރު މޯލްޑިވްސް، ދިގަލި މޯލްޑިވްސް އާއި ކުރަމަތި މޯލްޑިވްސް އެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވާލާ އަމަލުކުރަން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އެ ގާނޫނު އެކުލަވާލީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާ ބެހޭ އުސޫލުތަކާއި، އެނޫން ވެސް ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގަން ބޭނުންވާ ކަމާ ބެހޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރުމަށެވެ.