މިދިޔަ މާޗު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.33 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތަކަށް މިއީ މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު 19.2 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މި އަހަރުގެ މާޗު މަހު ލިބޭނެ ކަމަށް އެ އިދާރާއިން ލަފާކުރި އަދަދަށްވުރެ 28.4 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ މާޗު މަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގަ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުންނެވެ.

އަދި ކޮވިޑް-19 އާ ގުޅިެގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން، މިދިޔަ އަހަރުގެ މާޗު މަހު، މި ފީތައް ވަނީ ފަސްކޮށްދީފަ އެވެ. އެހެންކަމުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ބިމު ކުއްޔާއި ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ.

މިދިޔަ މަހު ޓީޖީއެސްޓީ އިތުރުުވެފައިވަނީ ރާއްޖޭގެ ޓޫރިޒަމް ވިޔަފާރި މިހާރު ރަނގަޅުވަމުން ދިއުމާ ގުޅިގެން ކަމަށް މީރާއިން އާންމުކުރި ތަފާސްހިސާބުގައި ވަނީ ބުނެފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ. އެއީ 676.9 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ބިމު ކުލިންނެވެ. އެއީ 335.39 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ ލިބުނު އިރު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 69.91 މިލިއަން ރުފިޔާ އަދި އެއާޕޯޓު ޑެވެލޮޕްމަންޓު ފީގެ ގޮތުގައި 32.41 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކްސް އާއި ފީގެ ގޮތުގައި 142.99 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުން ދައްކަ އެވެ.

މީގެ އިތުރުންމިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.