މަޝްހޫރު ޔޫޓިއުބަރު ކޭލް ބްރޮކް ޔޫޓިއުބަށް ދޫކޮށްލި އެ ވީޑިއޯއިން ފެންނަނީ އެ ރިސޯޓުގެ ވީރާނާވެފައިވާ އެކި ތަންތަނެވެ. އޭނާ ފުރަތަމަ އެ ރަށަށް ފައިބައިގެން ވަންނަނީ ރިސެޕްޝަން އޭރިއާ އަށެވެ. އެތަނުގައި ހަލާކުވެފައިހުރި ތަކެތި ފެނެ އެވެ. މީގެ އިތުރުން އެ ރަށުގައި ވީރާނާވާން ދޫކޮށްލާފައިވާ ކޮޓަރިތަކަކާއި ސުވިމިން ޕޫލާއި އެނޫން ވެސް އެކި ތަންތަން އެ ވީޑިއޯއިން ފެނެ އެވެ.

މިއީ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށުމަށްފަހު ވަކި ހިސާބަކުން ވީރާނާވާން ދޫކޮށްލާފައިވާ ގދ. ވަޓަވައްރެހާ އެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރި ޔޫޓިއުބަށް ދޫކޮށްލި އެ މަންޒަރުތައް މިހާރު ވަނީ ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. މި ވީޑިއޯއަށް 189،000 ވިއުސް ލިބިފައިވާއިރު، މި ވީޑިއޯއިން ކޭލް ބްރޮކް އެ ރަށަށް ގޮސް ރަށުގެ ވީރާނާ ވެފައިވާ އެކި ސަރަހައްދުތައް ދައްކުވައިދެ އެވެ.

މި ވީޑިއޯ ބޭނުންކޮށްގެން އިނގިރޭސިވިލާތުގެ މަޝްހޫރު "ދަ ސަން"ގައި ވަނީ އާޓިކަލެއް އިއްޔެ ޝާއިއުކޮށްފަ އެވެ.

https://www.youtube.com/watch?v=EQTIcRaV6bA

ކޭލް ބްރޮކްގެ މި ވީޑިއޯގައި އެރަށުގައި ތަރައްގީ ކުރަން ފަށާފައި ހުރި ވިލާތަކުގެ އެއްބައި ނިންމާފައިވާ ތަން ފެންނައިރު، އެ ތަންތަން ވަނީ ގިނަ ދުވަސްވުމުން ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ރެއަކަށް 5،000 ޑޮލަރު ޗާޖު ކުރާ ގޮތަށް ތަރައްގީ ކުރަން ފެށި މި ރިސޯޓުގެ ޕްރެޒިޑެންޝަލް ސުއިޓަކަށް ވެސް ކޭލް ބްރޮކް ވަދެ ބެލި އެވެ.

އެތަނުގައި މަސާޖް ކުރާ ސާމާނުތައް ވެސް ބަރިއަކަށް ޖަހާފައި ހުރިއިރު، ފާހާނާ ތައްޓާއި ނުކަނޑާ ހުރި ބިލިގާތައް ވެސް ބަރިއަކަށް ޖަހާފައި ހުއްޓެވެ. މީގެ އިތުރުން ވެސް އެތަނަށް ބޭނުންވާ އެކި ކަހަލަ މުދާތައް ވެސް މިހާރު ހުރީ ވީރާނާވާން ދޫކޮށްލާފަ އެވެ.

ގދ. ވަޓަވައްރެހާއަށް ގެނައި މުދާތައް؛ ބައެއް ތަކެތި ހުރީ ނުކަނޑާނަމަވެސް ގިނަ ދުވަސްވުމުން ވަރަށް ބޮޑަށް ބާވެފައި

މި ރަށާ ބެހޭ ގޮތުން މައުލޫމާތު ދެމުން ވީޑިއޯގައި ކޭލް ބްރޮކް ވެސް ވަނީ މިއީ ރާއްޖޭގެ މަޝްހޫރު ސިޔާސީ ފަރާތެއް މީގެ 12 އަހަރު ކުރިން ދެ އަހަރު ވަންދެން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށި ތަނެއް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ ސިޔާސީ ފަރާތަކީ ކާކުކަމެއް ކޭލް ބްރޮކް ހާމަކޮށްފައެއް ނުވެ އެވެ.

"ސިޔާސީ ސަބަބުތަކާ ގުޅިގެން، ބެލެވޭ ގޮތުގައި ރުފިޔާ ހުސްވެގެން އެ މީހުން މިއޮތީ މި ޕްރޮޖެކްޓް އެއްކޮށް ދޫކޮށްލާފައި،" ކޭލް ބްރޮކް ބުނެ އެވެ.

ގދ. ގައި ހިންގާ އަޔާޑާ ރިސޯޓު ކައިރީގައި އޮންނަ އެ ރަށުގައި ހަދަން ފަށާފައި ހުރި ވިލާތައް ހުރި ސަރަހައްދުގައި މިހާރު ގަސްތައް ބޯވެ ޖަންގަލި ހެދިފައިވާއިރު، ޕޫލްތައް ހަދާފައިވާ ސަރަހައްދުގައި ވެސް ހަޑި ފެން ހަރުލާ، އެކި ވައްތަރުގެ ގަސްތައް ވަނީ ފަޅާފަ އެވެ. ރަށުގެ އައްސޭރިއާ ކައިރީގައި ހަދާފައިވާ މި ޕޫލްގައި ފެންހަރުލާފައި ހުރުމުގެ ސަބަބުން މަދިރީގެ އުދަނގޫ ބޮޑުވާނެކަން ކޭލް ބްރޮކް ވެސް ފާހަގަކުރި އެވެ.

ގދ. ވަޓަވައްރެހާގައި ތަރައްގީ ކުރަން ފަށާފައިވާ ޕޫލެއް؛ ފެން ހަރުލާފައި ހުރުމުން މަދިރީގެ އުދަނގޫ ބޮޑުކަން ކޭލް ބްރޮކް ވެސް ފާހަގަކުރި

މީގެ އިތުރުން ވެސް އެ ރިސޯޓުގެ ބައެއް އިމާރާތްތަކުގެ ފާރު ރާނާ، ހިޔާވެސް ކޮށްފައިވާއިރު، އެ ރަށުގައި ބޭނުން ނުކޮށް ބާވެފައިވާ މަޒްޑް ބްރޭންޑްގެ ކާރަކާއި ނިސާން ބްރޭންޑްގެ ޕިކަޕެއް ވެސް އޮވެ އެވެ. އަދި ކަރަންޓުގެ ހިދުމަތްދިނުމަށްޓަކައި ބަހައްޓާފައި ޖަނަރޭޓަރުތަކާއި ޕެނަލްބޯޑުތައް ހުރި އިރު، އޭގެ ތެރެއިން ބައެއް ތަކެތި އަދިވެސް މަސައްކަތް ކުރެ އެވެ.

އެ ރަށުގެ ވޯޓާ ވިލާތައް ވެސް ހުރީ ހަމަ މިފަދަ ހާލަތެއްގަ އެވެ. ވޯޓާ ވިލާތަކާ ހަމައަށް ދިޔުމަށް ފާލަން ހަދަން ފަށާފައިވާއިރު، މި ފާލަމުގައި ފިލާ އަޅާފައި ނެތުމުން އޭގައި ހިނގާލާފައި ދެވޭނީ ފަހަރަކު މީހަކަށެވެ. ބައެއް ވޯޓާ ވިލާތައް ހިޔާކޮށްފައިވާއިރު، އަނެއްބައި ވޯޓާ ވިލާތައް ހުރީ ބިިންގާ އެޅި ގޮތަށެވެ. ގިނަ ދުވަސްވުމުގެ ސަބަބުން މިތަންތަން ވެސް ވަނީ ވީރާނާވެފަ އެވެ.

ވޯޓާ ވިލާ އަށް ދާން ހަދާފައިވާ ފާލަން ވެސް އޮތީ ވީރާނާވެފައި.

މި ވީޑިއޯއާ ގުޅިގެން ދުނިޔޭގެ މީޑިއާތަކުން ވެސް ރިޕޯޓްތައް ގެންނަމުންދާއިރު، ވީޑިއޯއަށް ކޮމެންޓް ކުރި މީހުން ބުނީ މި ރިސޯޓަށް ކިޔަން ހަމަޖެހިފައި އޮތީ ޖޭ ރިސޯޓް ރާޅުވެލި ކަމަށާއި އެ ރިސޯޓް ހުޅުވާފައިވާނެ ކަމަށް ބުނެ ދުނިޔޭގެ ބައެއް ޓްރެވަލް ވެބްސައިޓްތަކުން ފެންނަ ކަމަށެވެ. އަދި މި ވީޑިއޯގެ ސަބަބުން މީހަކު އެތަނާ މެދު ޝައުގުވެރިވެ، އެ ތަނަކީ ސާފިން ރިސޯޓަކަށް ހަދައިދޭނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ބައެއް މީހުން ވަނީ ބުނެފަ އެވެ. އޭރު އެ ރަށުގެ ކައިރީގައި ބަޔަކު ރާޅާ އަޅަން ތިބި މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

Editors Note

މިއީ ގދ. ލޮނުދުއަހުއްޓާ ކަމަށް ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. މި ކުށަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.