އިންޑިއާގެ މުމްބާއީގެ ސިޓީގައި ކޮވިޑް ފެތުރޭ މިންވަރުން އިތުރުވުމާ ގުޅިގެން މޯލްޑިވިއަންއިން އެ ސިޓީއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފި އެވެ.

ދަތުރުތައް ފަސްކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.

ރާއްޖެއާ މުމްބާއީ ދެމެދު ޑައިރެކްޓް ފްލައިޓް އޮޕަރޭޓްކުރާ ގޮތަށް ނިންމީ މިދިޔަ ހަފްތާގަ އެވެ. އޭރު އޮތީ ރާއްޖެއިން މުމްބާއީއަށް ހަފްތާއަކު ތިން ފްލައިޓް އޮޕަރޭޓްކުރާ ގޮތަށް ހަމަޖެހިފަ އެވެ. އެ ދަތުރުކުރަން ހަމަޖެހިފައި ވަނީ ނ. މާފަރު އިންޓަނޭޝަލް އެއާޕޯޓުންނެވެ.

މޯލްޑިވިއަން މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް ކުރަން ފެށީ އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދުތަށް އިތުރުވުމާ ގުޅިގެންނެވެ.

މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ގާތްގަނޑަކަށް 10،000 ޓޫރިސްޓު އެނދު ހިމެނޭ ސަރަހައްދެކެވެ.

އިންޑިއާގެ އިންޑިގޯ، ވިސްޓާރާ އަދި ގޯއެއާއިން މާލެއާއި މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް މިހާރު ވެސް ކުރެ އެވެ.