ޑިވެލޮޕްމެންޓް ބޭންކްގެ ބޯޑުން އިސްތިއުފާދިން ބޭފުޅުންގެ ބަދަލުގައި އެ ބޭންކުގެ ބޯޑަށް އިތުރު ހަތަރު ބޭފުޅަކު އައްޔަންކޮށްފި އެވެ.

މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބޭންކު ހުޅުއްވައިދެއްވިފަހުން އެ ބޭންކުގެ ޚިދުމަތް އަދިވެސް ނުފެށެ އެވެ. ޚިދުމަތް ނުފެށިގެން އުޅެނިކޮށް އެ ބޭންކުގެ ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ ވަނީ މުސާރަ ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް މައްސަލަ ހުށަހަޅާފަ އެވެ.

އެ ބޭންކުގެ އޮފީސް ހިންގުމަށް ސަރުކާރުން މިހާތަނަށް 6.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އެ ބޭންކުގެ ބޯޑަށް އަލަށް އައްޔަނުކުރި މެންބަރުން

  • ހަސަން މިރާސް، މއ. މާފުނަ (މެންބަރު)
  • އަހްމަދު އަޒްޔާން ހަމީދު، މ. ލަންސިމޫގެ (މެންބަރު)
  • މައީޝާ އިބްރާހިމް، ދ. ކުޑަހުވަދޫ، ތިކުރީތު (މެންބަރު)
  • އަޒްމީން ރަޝީދު، ގދ. ރަތަފަންދޫ، ޗަބޭލީވިލާ (މެންބަރު)

ޑިވެލޮޕްމަންޓު ބޭންކު ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރީ އޮކްޓޯބަރު 13 2023، ގަ އެވެ. ލައިސެންސް ދޫކުރީ އަހަރެއްގެ ތެރޭގައި ބޭންކިން ހިދުމަތް ދިނުމަށް ޝަރުތު ކުރުމަށްފަހެވެ.