ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބީއެމްއެލްގެ ޑެބިޓް ކާޑުން ފައިސާ ނެގޭ ގޮތަށް އަލުން ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގޭ މިންވަރު މިއަދުން ފެށިގެން ލިމިޓްކޮށްފަ އެވެ. އެގޮތުން މިހާރު ނެގޭނީ 10 ޑޮލަރުގެ ޗާޖަކާއެކު މަހަކު 125 ޑޮލަރެވެ. މި ބަދަލު އެ ބޭންކުން ގެނައީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާތީ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެ ބޭންކުން މިއަދު ބުނީ ކުރިއެކޭ އެއްގޮތަށް މިހާރު 750 ޑޮލަރާ ހަމަޔަށް ފައިސާ ނަގައި ޕޭމަންޓް ހެދޭނެ ކަމަށެވެ. އަދި ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލްގައި ރަޖިސްޓްރީކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.

އެ ޕޯޓަލްގައި ރަޖިސްޓްރީކުރާއިރު ލިމިޓް ހަމަޖައްސަން ބޭނުންވާ ކާޑު ސިލެކްޓް ކުރަން ޖެހެ އެވެ. ނަމަވެސް މިހާރު ރަޖިސްޓާ ވެފައިވާ މީހުން އަލުން ރަޖިސްޓާ ވާކަށް ނުޖެހޭ ކަމަށް ބީއެމްއެލްގެ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވި އެވެ.

"ވިތުޑްރޯވް ކުރާކަށް އަލުން ރަޖިސްޓާވާކަށް ވެސް ނުޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މިއަދުން ފެށިގެން ވަނީ މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.