ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އަށް ވަދެވެން އޮންނަ ރަސްމީ މަގު ވަގުތީގޮތުން މަރާމާތަށް ބަންދުކުރަން ނިންމައިފި އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނީ އެއާޕޯޓަށް ވަދެވޭ މަގު އެއްވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަތަރު ފޭސްއަކަށް ބަހަލައިގެން މި މަހު 4 އާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމްއޭސީއެލް އިން ބުނީ މި ވަގުތުތަކުގައި ޓްރެފިކް ބަލަހައްޓައި، ރައްކާތެރިކަން ކަށަވަރުކުރުމުގައި އެ ކުންފުނީގެ އެސްޓޭޓް ސެކިއުރިޓީ ސްޓާފުން ހަރަކާތެރިވާނެ ކަމަށެވެ. އަދި ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް މަގު ބަންދުކޮށްފައިވާ ނިޝާންތަކާއި މާކުތައް އެ ފަރާތްތަކައް ދުރަށް ފެންނާނެހެން ހަރުކުރެވިފައިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް ވެސް އެދިފަ އެވެ. އަދި އިތުރަށް ބުނެފައި ވަނީ އެއާޕޯޓު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަަން ކަށަވަރުކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.