"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"ގެ ޚިދުމަތް ދޭން 17 ފެރީ ލޯންޗް ބަންނަން، 107 މިލިއަން ރުފިޔާއަށް އެމްޓީސީސީން ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުންޏާ މިއަދު ހަވާލުކޮށްފި އެވެ.

އެމްޓީސީސީން މިހާރު ވެސް މާލެ ސަރަހައްދާއި އެހެން ރަށްރަށުގައި ފެރީގެ ހިދުމަތްދޭން އަދިވެސް ބޭނުންކުރަނީ ލަކުޑި އާއި ފައިބަރުން ބަނދެފައިވާ ދޯނިފަހަރެވެ. މިއީ ޕަބްލިކް ފެރީ ނިޒާމަކަށް ޚާއްސަކޮށްގެން ފަރުމާކުރާ ފުރަތަމަ ފެރީތަކެވެ.

ފެރީތައް ފަރުމާކޮށް ބަނުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސިއީއޯ އާދަމް އާޒިމް އެވެ. އަދި ޔޫއޭއީގެ ގަލްފް ކްރާފްޓް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލްޝާލީ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ މި ނިޒާމުގެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ވަރަށް އިތުބާރާއެކުކަމަށާއި ނިޒާމު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ފަށާ ފެރީގެ އެންމެ ފުރިހަމަ ނިޒާމަށް ކަމަށެވެ. ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުތަކާ، އަދި ރަށްރަށުގައި ހަދާ ޓާމިނަލްތަކާ ފެރީ ސްޓޮޕްތައް އަދި ދަތުރުތަކުގެ ޝެޑިއުލްތަކަކީ ވެސް ސީދާ މިކަމަށް ފަރުމާކުރާ ޚާއްސަ ކަންކަމަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަބްލިކް ފެރީތައް ފަރުމާކޮށް ބަނުމުގެ މަސައްކަތް އެމްޓީސީސީން އާއިގަލްފް ކްރާފްޓާއެކު ސޮއިކުރަނީ. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ ފެރީ ނިޒާމުގެ މަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ހއ، ހދ އަދި ށ އަތޮޅު ހިމެނޭ ޒޯން 1ގަ އެވެ. މި ޒޯންގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެ އެވެ.

ގަލްފް ކްރާފްޓާ ހަވާލުކޮށްފައިވަނީ ޒޯން 1ގެ ޚިދުމަތް ފެށުމަށް ބޭނުންވާ 17 ފެރީ ބަނުމުގެ މަސައްކަތެވެ.

ސަރުކާރުގެ އަމާޒަކީ ޒޯން1ގެ ޚިދުމަތް އަހަރުގެ ފަހު ކުއާޓަރުގެ ފެށުމެވެ.

އެމްޓީސީސީން ބަނުމަށް ހަވާލުކުރި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އަދި ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތައް އެމްޓީސީސީން މިހާރު ބޭނުންކުރާ ފެރީތަކުގެ ސްޕީޑަށްވުރެ ތިން ގުނަ އަވަސްވާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.