ދަނޑުވެރިކަމުގެ ސާމާނު ގަންނަން އެސްޓީއޯއިން ހުޅުވި އެގްރި ސެންޓަރުން ދަނޑުވެރިން ހައްދާ ހުރިހާ ބާވަތެއްގެ ތަރުކާރީ ގަންނާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރޭ ވިދާޅުވެއްޖެ އެވެ.

އެގްރި ސެންޓަރު ހުޅުވާފައި ވަނީ ހަވީރީ ހިނގުމާއި ފާރުކެނޑި ހިނގުން ގުޅޭ ކަންމަތީގައި، ނޯތު ހާބަރު ކުރި މައްޗަށްވާ ގޮތަަށް ކުރިން އެސްޓީއޯގެ ސިމެންތި ފިހާރަ ހިންގި އިމާރާތުގަ އެވެ.

އެ ސެންޓަރު ހުޅުވައި ދިނުމަށްފަހު އަމްރު ވިދާޅުވީ އަލަށް ގެނައި އެ ސެންޓަރުގެ ސަބަބުން ދަނޑުވެރިން ހައްދާ ބާވަތްތަކުން ބާޒާރުގައި އަގު އުފުލިގެން ދިޔަ ނުދީ ހިފެހެއްޓޭނެ ކަމަށެވެ. އަދި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެ ތަކެތިން ލިބެން ޖެހޭ ހަމަ އަގު ހޯދައިދީ ތަކެތި މާކެޓު ކުރަން އެ ކުންފުނިން އެހީތެރި ވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އެގްރި ސެންޓަރު ހުޅުވުމަށްފަހު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމްރު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

"ތަކެތި (ތަރުކާރީ، މޭވާ) ގަންނާނެ އެންމެ ދަށް އަގު އެގްރި ސެންޓަރުގެ ވެބްސައިޓުގައި ޝާއިއު ކުރާނެ. އޭރުން ދަނޑުވެރިންނަށް ރަނގަޅު އަގެއް ލިބޭނެ. އަދި ބާޒާރުގައި އަގު ވެސް ހިފެހެއްޓޭނެ،" އަމްރު ވިދާޅުވި އެވެ.

އެގްރި ސެންޓަރަށް ތަކެތި ވިއްކާ ފަރާތްތަކުން ފުރަތަމަ ޖެހެނީ ރަޖިސްޓްރީ ކުރާށެވެ. އޭރުން އެ ފަރާތުން ފޮނުވާނީ ކޮން ބާވަތްތަކެއްކަން މި ރަޖިސްޓްރީއަށް ކުރިން އެނގޭނެ އެވެ. އަދި މިކަމަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް ގެންނަ ތަކެތީގެ މިންވަރު ދަނޑުވެރިންނަށް އަންގައިދީ އިންޓަނެޓު ބޭންކިން މެދުވެރިކޮށް ވަގުތުން ފައިސާ ދޭނެ އެވެ.