ހުޅުމާލެ ތަރައްގީކޮށް ހިންގާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އާއި ކ. ތިލަފުށި ބަލަހައްޓާ ގްރޭޓަ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމަށް ސަރުކާރުން ނިންމީ ދެ ކުންފުނި އެއްކޮށްލުމުން މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާ ތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެ ދެ ކުންފުނި އެއްކޮށްލި ނަމަވެސް ޖީއެމްއައިޒެޑްއެލްގެ ބޯޑަށާއި މެނޭޖްމަންޓަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.

އެޗްޑީސީން ބުނީ އެ ދެ ކުންފުނި އެއްކޮށްލަން ނިންމީ ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަ މާލޭ އޭރިޔާ ތަރައްގީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެ ކުންފުނިން ބުނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ތަރައްގީކުރުމުގެ މަސައްކަތްތައް އެޗްޑީސީން ކުރިއަށް ގެންދާނީ ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން ކަމަށެވެ.

"މިގޮތުން، ފުރަތަމަ މަރުޙަލާއެއްގެ ގޮތުން ޖީއެމްއައިޒެޑްއެލްގެ އެންމެހައި އެސެޓްސް، ލައިބިލިޓީސް، މުއައްޒަފުން އަދި އެންމެހައި އެއްބަސްވުންތަކާއި ކުންފުނީގެ މައްޗަށް އޮތް އެންމެހައި އިލްތިޒާމްތަކާއި ޒިންމާތައް އެޗްޑީސީއަށް ބަދަލުކުރުމަށް ނިންމާފައިވާކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގާ ޢިއުލާނު ކުރަމެވެ." އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ އެ ނިންމުމާ ގުޅިގެން އެކުންފުންޏާއެކު ހެދިފައިވާ އެއްބަސްވުންތަކަށާއި ލިޔެކިޔުންތަކަށް ގެންނަން ޖެހޭ ހުރިހާ ބަދަލުތައް ގެނައުމަށް އެ ކުންފުނިން އެފަރާތްތަކާއެކު މުއާމަލާތްކުރަމުން ގެންދާނެ ކަމަށެވެ.