މިދިޔަ އަހަރާ ބަލާއިރު މިއަހަރުގެ މިހާތަނަށް ޑޮލަރުން ލިބިފައިވާ އާމުދަނީ 11 ޕަސަންޓު ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ބުނެފި އެވެ.

މިރާއިން ނެރުނު ތަފާސްހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ މިހާތަނަށް ދައުލަތަށް 171 މިލިއަން ވަނީ ޑޮލަރު ވަނީ އާމްދަނީގެ ގޮތުގައި ލިބިފަ އެވެ. މިއަހަރު މިހާތަނަަށް ލިބިފައިވަނީ 151 މިލިއަން ޑޮލަރެވެ. މިއީ 11 ޕަސަންޓުގެ ދަށްވުމެކެވެ.

މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ބަލާނަމަ ޑޮލަރުން އާމްދަނީއެއް ދައުލަތަށް ލިބިފައި ވަނީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގަ އެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިހާތަނަށް 25 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 11 މިލިއަން ޑޮލަރެވެ. އޭގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހީނަރު ވުމާއެކު ޓޫރިޒަމަށް ލިބޭ އާމްދަނީ ދަށްވުމުން ޓޫރިޒަމް ބިމު ކުލި ދެއްކުމުގައި ސަރުކާރުން ދިން ލުއިތަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

މީގެ އިތުރުން މި އަހަރުގެ މިހާތަނަށް ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވި ނަމަވެސް މިދިޔަ މަހު އެކަނި ބަލާނަމަ އަދަދު އުޅެނީ މަތީގައި ކަމަށް މީރާގެ ތަފާސް ހިސާބުން ދައްކަ އެވެ. މިދިޔަ މާޗް މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 63 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 42 މިލިއަން ޑޮލަރެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއަށް އެވެރެޖުކޮށް ޑޮލަރުގެ އާމްދަނީގެ ގޮތުގައި ތިން ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް އެ ފައިސާގެ ބޮޑު ބައެއް ރާއްޖެއިން ބޭރު ކުރެ އެވެ.