ދިވެހި އުފެއްދުންތަކުގެ އަގަށް މާބޮޑު ބަދަލެއް ނައި ނަމަވެސް ރޯދަމަސް ފެށުމާއެކު މާރުކޭޓުގައި މަހުގެ ބާވަތްތަކުގެ އަގު އުފުލެން ފަށައިފި އެވެ.

މިފަހަރު ރޯދަމަސް ފެށުނު ފަހު އެންމެ ބޮޑުކޮށް ފާހަގަ ކުރެވިފައިވަނީ ކަނޑުމަހުގެ އަގަށް އައިސްފައިވާ ބަދަލެވެ. އިއްޔެ 60ރ. އަށް ކިލޯއެއް ވިއްކި ކަންނެލީގެ އަގު މިއަދު އުޅެނީ ކިލޯއެއް 75 ރުފިޔާ އަށެވެ.

މާރުކޭޓުގައި މަސް ވިއްކަން އިން މީހަކު މިއަދު ބުނީ މިހާ ބޮޑު ބަދަލެއް އައީ މަސް ދޯނިތަކުން މަސް ވިއްކާ އަގުބޮޑުކުރުމުން ކަމަށެވެ.

މާލޭގެ ފަޅުގައި އޮތް މަސް ދޯންޏެއްގެ މަސްވެރިއަކު ބުނީ ރޯދަ މަހު ދުވާލު މަސްވެރިކަންކުރުމަކީ ވަރަށް އަވަހަށް ވަރު ބަލިވާ ކަމެއް ކަމަށާއިި، އަދި އެހާމަ ބުރަ މަސައްކަތެއްގައި ނުކައި ނުބޮއި ހުރެ ކުރަން ޖެހުމުން، އާންމުކޮށް ވިއްކާ އަގަށް ވުރެ ތަންކޮޅެއް ބޮޑުކޮށް ވިއްކަނީ ކަމަށެވެ.

މަސް މާރުކޭޓުގައި ވިއްކަން ހުރި ފަރު މަހު ބާވަތްތަކުގެ އަގު ވެސް ބޮޑެވެ. އެގޮތުން 25 ރުފިޔާއަށް ތިން މުށިމަސް ވިއްކާއިރު 20 ރުފިޔާއަށް ހަތަރު ރިތްމަސް، މާނިޔާމަސް އަގު އުޅެނީ 70 އާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

ތަރުކާރީގެ ބާވަތްތަކަށް ބަލާއިރު އިއްޔެ ހުރި އަގާއި ހަމަ އެއް އަގެއްގައި މިއަދު ވެސް ތަރުކާރީތަށް ލިބެން ހުރި އެވެ. މާރުކޭޓުގެ ވިޔަފާރިވެރިން ބުނާ ގޮތުގައި ރޯދަ މަހުގެ މެދާ ހަމައަށް އެއް އަގެއްގައި ތަރުކާރީ ލިބެން ހުންނާނެ އެވެ.

ބާޒަރުގައި ބައެއް ތަކެތީގެ އަގުތައް:

  • ކެރެޓް ކިލޯއެއް 30 ރުފިޔާއަށް
  • ތޮޅި މިރުސް ކިލޯއެއް 330 ރުފިޔާއަށް
  • ކަނޑޫދޫ މިރުސް ކިލޯއެއް 480 ރުފިޔާއަށް
  • ފޭރު ކިލޯއެއް 80 ރުފިޔާއަށް
  • ކަރާ ކިލޯއެއް 18 ރުފިޔާއަށް
  • ލެޓިއުސް ކިލޯއެއް 130 ރުފިޔާއަށް
  • ކުރުބާ 20 ރުފިޔާ
  • ގަބުޅި 30 ރުފިޔާ
  • ކިއުކަންބާ ކިލޯއެއް 45 ރުފިޔާ
  • ކޮފީފަތް 20 ރުފިޔާއަށް އެއް ބޮނޑި
  • ލުނބޯ 50 ރުފިޔާއަށް ކިލޯ

އެހެން އަހަރުތަކާ ޚިލާފަށް މި ރޯދަމަހު ލޯކަލް މާރުކޭޓުގައި ވިއްކާ އުފެއްދުންތަކުގެ އަގު ހެޔޮކަން ފާހަގަކުރެވެ އެވެ.