ބައިނަލްއަގުވާމީ އާކިޓެކްޗާ އެވޯޑް ޕްރޮގްރާމެއް ކަމަށްވާ "ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް" (އޭއެމްޕީ)ން ކޮންމެ އަހަރަކު ދޭ އޮނަރަބަލް އެވޯޑް ހުޅުމާލެ މާސްޓާ ޕްލޭނަށް ލިބިއްޖެ އެވެ.

ހުޅުމާލޭގައި ތަފާތު ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.

ހުޅުމާލެއަކީ، މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކުރުމަށާއި މާލޭގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ޒަމާނީ ފެންވަރެއްގައި އިޖްތިމާޢީގޮތުންނާއި އުމްރާނީގޮތުން ވެސް މީހުން ދިރިއުޅުމަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުރިހަމަ މާސްޓާޕްލޭންއެއް އެކުލަވާލައިގެން ތަރައްގީކުރަމުން އަންނަ ރަށެކެވެ.

އޭއެމްޕީން ކޮންމެ އަހަރަކު އާކިޓެކްޗާ ދާއިރާއިން ދޭ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒްގެ ހޮނޮރަބަލް މެންޝަން އެވޯޑް އިން އެޗްޑީސީއަށް ވަނީ ލޭންޑްސްކޭޕް އާކިޓެކްޗާ އާބަން ޕްލޭނިންގެ އެވޯޑް ހުޅުމާލެ މާސްޓާ ޕްލޭންއަށް ލިބިފަ އެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ދަ އާކިޓެކްޗާ މާސްޓާ ޕްރައިޒް އަކީ 1985 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އާކިޓެކްޗާ އަދި އާބަން ޕްލޭނިންގެ ރޮނގުން ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއްގެ އަގު ވަޒަންކޮށް މި ދާއިރާއިން މި މަސައްކަތްތައް ޕްރޮމޯޓްކުރުމުގައި އިސް ރޯލެއް އަދާ ކުރަމުން އަންނަ ކުންފުންޏެކެވެ.

މިގޮތުން ހުޅުމާލޭގެ މާސްޓާ ޕްލޭނަށް އޮނަރަރީ އެވޯޑު ދިނުމާ ގުޅިގެން އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ހުޅުމާލޭގެ މާސްޓާ ޕްލޭންއަކީ، ދެމެހެއްޓެނިވި ގޮތެއްގައި މީހުން ދިރިއުޅުމަށް ހިތްފަސޭހަ ގިނަ ޕްރޮޖެކްޓްތަކެއް ހިމެނިގެން ހަދާފައިވާ ޕްލޭންއެއްކަން ފާހަގަކުރައްވާފަ އެވެ.

ހުޅުމާލެ ޒަމާނީ ފެންވަރެއްގައި ތަރައްގީކޮށް ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްފަސޭހަ އަދި ގިނަ ހިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަށް އެޗްޑީސީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނީގެ 20 އަހަރުގެ ތާރީޙުގައި ލިބިފައި ތަޖުރިބާގެ އަލީގައި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ގިނަ ރަށްތަކެއް ތަރައްގީކުރުމަށް ފަންނީ އެހީތެރިކަން ދިނުމަށް ނިންމާ "ބިޔޯންޑް ހުޅުމާލެ"ގެ ނަމުގައި ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީއަށް މި އެވޯޑު ލިބުނުއިރު، ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތަށް މި ސަރުކާރުން ތަރައްގީގެ މާބޮޑު މަޝްރޫއެއް މިހާތަނަށް ހިންގިފައެއް ނުވެ އެވެ. ނަމަވެސް ސެންޓްރަލް ޕާކު ތެރޭގައި ގަސް އިންދުމާއި ޖެޓީ މަރާމާތުކުރުމާއި ބައެއް ސަރަހައްދުގައި މަގު ބައްތި ޖެހުން ފަދަ މުނިސިޕަލް ކުދި ކުދި މަސައްކަތްތައް ކޮށްފައިވެ އެވެ.

ހުޅުމާލޭގެ މާސްޓަ ޕްލޭން މުރާޖައާކުރުމަށްފަހު އަލުން ލޯންޗްކުރި ހަފުލާގައި އޭރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ރައީސް ޔާމީނަށް މައުލޫމާތު ދެއްވަނީ. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތަރައްގީކުރުމުގެ އެންމެ ބޮޑު މަޝްރޫއެއް މިހާތަނަށް ހިންގީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެގޮތުން ހުޅުމާލެ ފޭސް ދޭއް ހިއްކުމުގެ ކުރިން ހުޅުމާލޭގެ މާސްޓާ ޕްލޭން މުރާޖައާކޮށް އަލުން އެކުލަވާލައި އެ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގެ ފޭސް އެކަކަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކައި، މަގުތައް ހަދައި، އެތަނުގައި މީހުން އާބާދުކުރަން 60 އަށް ވުރެ ގިނަ ޓަވަރު އިމާރާތްކުރުމުގެ މަސައްކަތް އެ ސަރުކާރުން ފެށި އެވެ.

އެޗްޑީސީގެ މާސްޓަ ޕްލޭނަށް މީގެ ކުރިން ސިޓީ ސްކޭޕް އެވޯޑު 2018 ވަނަ އަހަރު ލިބިފައިވެ އެވެ.