ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު އިތުރުވުމުން މި އަހަރު ފަސް ބިލިއަން ޑޮލަރު ނުވަތަ 77 ބިލިއަން ރުފިޔާ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ "ސީއެންބީސީ"އަށް ދެއްވި އިންޓަވިއެއްގައި ޑރ، މައުސޫމް މި އަހަރު ޓޫރިޒަމުން ފަސް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވިދާޅުވީ، މި އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާނެ ކަމަށް ބެލެވޭ ބެޑް ނައިޓްސްގެ އަންދާޒާއެއް ވިދާޅުވަމުންނެވެ.

އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން މި އަހަރު ޓޫރިސްޓުންގެ ބެޑްނައިޓްސް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް 10 މިލިއަނުގަ އެވެ. އެ އަދަދުން ބަލާނަމަ އެވްރެޖު ގޮތެއްގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ ދުވާލަކު އެންމެ ކުޑަކޮށް 500 ޑޮލަރު ހޭދަ ކުރާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް ރާއްޖެއަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ޓޫރިސްޓުން އާންމު ގޮތެއްގައި ރާއްޖެ މަޑުކުރަނީ ނުވަ ދުވަހު އެވެ.

ސީއެންބީސީއަށް ދެއްވި އިންޓަވިއުގައި ޑރ. މައުސޫމް އިތުރަށް ވިދާޅުވީ މި އަހަރު ކުރިން އަންނާނެ ކަމަށް އަންދާޒާ ކުރެވުނީ އެއް މިލިއަން ޓޫރިސްޓު ކަމަށްވިޔަސް މިހާރުގެ އަންދާޒާއަކީ 1.5 މިލިއަން މީހުން ކަމަށެވެ.

ދެހާސް ވިހިވަނަ އަހަރު ޓޫރިސްޓުންގެ ބެޑް ނައިޓް ހުރީ ހަތަރު މިލިއަންގަ އެވެ. އެހެންވެ މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ދެ ބިލިއަން ޑޮލަރެވެ. ބެޑްނައިޓްސް މަދުވުމުގެ މައިގަނޑު ސަބަބަކީ އަހަރުގެ ބޮޑުބައި ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތުމެވެ.

މިދިޔަ އަހަރު ބެޑް ނައިޓްސް ދަށްވި ނަމަވެސް 2019 ވަނަ އަހަރު އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި ގާތްގަނޑަކަށް 10 މިލިއަން ބެޑްނައިޓްސް ހޭދަ ކޮށްފައިވެ އެވެ. އެހެންވެ އެ އަހަރު ވެސް ރާއްޖެއަށް ފަސް ބިލިއަން ޑޮލަރު ޓޫރިޒަމް އިންކަމްގެ ގޮތުގައި ވަނީ ލިބިފަ އެވެ.