އެމްޑަބްލިޔުއެސްސީ އަމިއްލަ ޕްރިމިއަމް ވޯޓާއެއް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ރާއްޖެ މިއަދު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ މިސަރުކާރުގެ ސިންކަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ސިޔާސަތުގެ ދަށުން އެމްޑަބްލިޔުއެސްސީއިން އަމިއްލަ ޕްރިމިއަމް ވޯޓާއެއް ނެރުމަށް މިހާރު ނަމެއް ފާސްކޮށްފައިވާ ކަމަށެވެ. ފެން އުފެއްދުމަށް ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް ޝާހު ވިދާޅުވި އެވެ.

ޕްރިމިއަމް ވޯޓާގެ ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަހަރު ތެރޭގައި އެފެން މާކެޓަށް ނެރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފެން އުފައްދާ ޕްލާންޓްތައް ބަލާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ވެހިކަލްތައް ވެސް ވަރަށް އަވަހަށް ގެނެވޭނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ މިހާރު އެމްޑަބްލިޔުއެސްސީއިން އުފައްދަމުން އަންނަ ތާޒާ ފެން ވެސް ބިއްލޫރި ފުޅިއަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހު ތެރޭގައި ބިއްލޫރި ފުޅީގައި އެމްޑަބްލިޔުއެސްސީއިން ފެން ނެރެވޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީގެ ވިޔާފާރި ފުޅާ ކުރުމަށްޓަކައި އެކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ފެނާއި ނަރުދަމާގެ ހިދުމަތުގެ އިތުރުން އިންޖިނިއަރިން ދާއިރާ އާއި މެނުފެންޗަރިން އަދި ޓްރޭޑިން ދާއިރާގެ މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ޝާހު ވިދާޅުވި އެވެ.