ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު، މިހާރަށް ވުރެ ތިމާވެއްޓާ ރަށްޓެހި، ކުރިމަތިވެދާނެ ކާރިޝާތަކަށް ތައްޔާރުވެވިފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ތަރައްގީގެ މަގެއްގައި ކުރިއަށްދިއުމަށް ރާއްޖެ އަށް ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ބޭނުން ހިފިދާނެ ކަމަށް، މިއަދު ނެރުނު "ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން" ރިޕޯޓްގައި ބުނެފި އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިފައިވާ ބޮޑު އިގްތިސާދީ ހީނަރުކަމަކަށް ފަހު ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ރަނގަޅު ހާލަތަކަށް އަނބުރާ އައުމުގެ މަގުމަތީގަ އެވެ. ކާމިޔާބު މާކެޓިން ކެމްޕެއިންތަކާއި ފަސޭހަކަމާއެކު ރާއްޖެ އެތެރެވެވޭ ގޮތަށް އިންތިޒާމްތައް ރާވާފައި އޮތުމުގެ ސަބަބުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިރާއްޖެ އަށް ގާތްގަނޑަކަށް 300،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މި އަހަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރާ ނަމަ، ރާއްޖޭގެ އިގްތިސާދު މި އަހަރު ކުރިއަރާނީ 17.1 އިންސައްތައިގައި ކަމަށް ވާލްޑް ބޭންކުން އަންދާޒާކުރެ އެވެ. މި އަންދާޒާ އަށް ރަނގަޅު އަދި ނުރަނގަޅު އަސަރުކޮށްފާނެ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތާއި އަދި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލެވިފައިވާ މި ރިޕޯޓްގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. މިދިޔަ އަހަރުގެ މާޗު ފަހުކޮޅުން ފެށިގެން ޖުލައި މަހުގެ މެދުތެރެއާ ޖެހެންދެން ރާއްޖޭގެ ބޯޑަރު ބަންދުކުރަންޖެހުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހުއްޓުމަކަށް އައިސްފައިވެ އެވެ. އޭގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 70 އިންސައްތަ ދަށަށް ގޮސް، 2019 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ދިޔަ އެވެ. މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި ދިރިއުޅުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އެޅިކަމުގައި ވިޔަސް، މި ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަގީރުންގެ ނިސްބަތް ވަގުތީ ގޮތުން އިތުރުވެފައިވާ ކަމަށް ލަފާކުރެވެ އެވެ.

ޕިކަޕަކަށް މުދާ އަރުވައިގެން މާލޭގެ މަގެއްގައި ދުއްވާފައި ދަނީ. ކޮވިޑާއެކު އިގްތިސާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

"ރައްކާތެރި ގޮތެއްގައި ފަތުރުވެރިކަން ހުޅުވުމާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ދައްކައިދީފައި،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ވިދާޅުވި އެވެ. "ރާއްޖޭގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށް ކުރެވޭ މަސައްކަތްތަކާއެކު، އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިން ދަމަހައްޓަމުން އަންނަ މަޤާމާއި ފަތުރުވެރިކަމުގެ ދާއިރާގައި ކުރެވެމުން އަންނަ އިންވެސްޓްމަންޓްތަކުގެ ސަބަބުން، މެދު ރާސްތާގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ."

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާ އިން ރާއްޖެ އިން އަރައިގަތުމުގެ މަސައްކަތް ކުރަމުން އަންނައިރު، މާލީ އަދި ދަރަނީގެ ގޮންޖެހުންތައް ހައްލުކުރުމުގެ މުހިންމުކަން ބޮޑެވެ. މިދިޔަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ގާތްގަނޑަކަށް 900 މިލިއަން ޑޮލަރު ނުވަތަ އެ އަހަރުގެ ލަފާކުރެވޭ ޖީޑީޕީގެ ނިޞްބަތުން 20 އިންސައްތަ އަށް އަރާފައިވެ އެވެ. ޖުމްލަ އަދި ގެރެންޓީ ދީގެން ނަގާފައިވާ ދަރަނި 5.6 ބިލިއަން ޑޮލަރު ނުވަތަ 2020 ގެ ލަފާކުރެވޭ ޖީޑީޕީގެ ނިޞްބަތުން 140 އިންސައްތަ އަށް އަރާފައިވެ އެވެ. އިގްތިސާދު ރަނގަޅުވާން ފަށާފައިވީ ނަމަވެސް ރާއްޖޭގެ ފިސްކަލް ޑެފިސިޓް އަދި ދަރަނީގެ ނިސްބަތް މެދު ރާސްތާގައި މަތީގައި ހުންނާނެ ކަމަށް ބެލެވެ އެވެ.

"ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ދަރަނީގެ މައްސަލަ ބޮޑުވެފައިވާއިރު، ރާއްޖެ ވެސް އިސްތިސްނާއެއް ނުވޭ،" ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ފާނެންޑޯ އިމް އަދި ޕުއި ޝެން ޔޫންގް ވިދާޅުވި އެވެ. "މި ކަންކަމަށް ހައްލެއް ގެނައުމުން، ކުރިމަގުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރާއްޖެ ތައްޔާރުވެފައި އޮންނަ މިންވަރު އިތުރުވެގެންދާނެ."

މި ރިޕޯޓްގައި ހިމެނޭ ޚާއްސަ ބާބުގައި، ޑިޖިޓަލް ޓެކްނޮލޮޖީތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ތަރައްގީގެ ދަތުރުގައި އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ޚިދުމަތް ފުޅާވެފައިވާ މިންވަރުގެ ސަބަބުން ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ވަނީ ކޮވިޑް-19 ގެ ކާރިޡާގެ ތެރޭގައި ބާރުވެފަ އެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން އިންޓަނެޓްގެ ޚިދުމަތް ބޭނުންކުރާ ކަމަށް 2019 ގެ ތަފާސްހިސާބުތަކުން ދައްކާއިރު، މިއީ ރާއްޖެ ނިޞްބަތްވާ ދެކުނު އޭޝިއާ އަދި މި ސަރަހައްދުން ބޭރުން ވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެކެވެ. ހާއްސަކޮށް އަތޮޅުތެރޭގައި ސިއްހީ އަދި ތަޢުލީމީ ޚިދުމަތް މިހާރަށް ވުރެ ރަނގަޅު ފެންވަރެއްގައި ދިނުމުގަ އާއި ކާރިސާތަކުން އަރައިގަތުމުގެ މަސައްކަތުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފޭނެ ގޮތްތައް ގިނަ އެވެ.

ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ސިޔާސަތު ބައްޓަންކުރުމުގަ އާއި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހެ އެވެ. ހަމަ އެއާއެކު، ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވަމުންދާ މި ދަނޑިވަޅުގައި ހުރިހާ ދިވެހިންނަށް ވެސް ޓެކްނޮލޮޖީގެ އާ ވަޞީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތް ފަހިކޮށްދިނުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިވެހިންގެ ގާބިލްކަމާއި ހުނަރު އިތުރުކުރަން ވެސް ޖެހެ އެވެ.

މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ސަރުކާރުން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއެކު، ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ހޯދުމުގެ މަގުފަހިވެގެންދާނެ،
ވޯލްޑް ބޭންކް

"މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ސަރުކާރުން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއެކު، ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ހޯދުމުގެ މަގުފަހިވެގެންދާނެ،"ރިޕޯޓްގެ ހާއްސަ ސެކްޝަން ލިޔުއްވި ޖުންކޯ ނަރިމަޓްސޫ ވިދާޅުވި އެވެ. "އެހެން ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު އަނބުރާ ބިނާކުރުމުގެ މަސައްކަތުގައި ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ ދައުރު މިހާރަށް ވުރެ ފުޅާކުރުމަށްޓަކައި މި ދާއިރާގައި މާލެ އާއި އަތޮޅުތެރޭގެ މެދުގައި އޮތް ފަރަގު ނައްތާލަންޖެހޭ."

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް އަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ އިތުރުން، ތަރައްގީ އަށް ހުރި ގޮންޖެހުންތައް ހިމަނައިގެން ވާލްޑް ބޭންކުން އެކުލަވާލައި އާއްމުކުރާ ރިޕޯޓެކެވެ. ހަމަ އެއާއެކު، ކަނޑައެޅޭ ވަކި އިގްތިސާދީ މައްސަލަތަކާއި ސިޔާސަތާ ގުޅޭ ކަންކަމަށް ވެސް މި ރިޕޯޓްގައި ފުންކޮށް އަލިއަޅުވާލެވެ އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް އަކީ ސަރަހައްދުގެ އިޤްތިޞާދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކުގެ ސިޔާސަތާ ގުޅޭ މައްސަލަތަކާއި ކަންކަމަށް އަލިއަޅުވާލައި އަހަރަކު ދެ ފަހަރު ވާލްޑް ބޭންކުން ނެރޭ ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް ރިޕޯޓާ ގުޅިގެން ޝާއިއުކުރެވޭ ރިޕޯޓެކެވެ. މާޗު 31، 2021 ގައި ނެރުނު ސްޕްރިންގް 2021 ގެ އަދަދު، "ސައުތު އޭޝިއާ ވެކްސިނޭޓްސް"، ގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ އިޤްތިޞާދު ރަނގަޅުވާން ފަށާފައިވީ ނަމަވެސް އިގްތިސާދީ ކުރިއެރުން އެއްހަމައެއްގައި ނުހިފެހެއްޓި އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. މި ރިޕޯޓްގައި، އާއްމުންނަށް ވެކްސިން ދިނުމާ ގުޅޭ ކަންކަމާއި މި ސަރަހައްދުގައި ވެކްސިން ދިނުމުގެ އަގު އަދި އޭގެ ފައިދާ ދެނެގަތުމުގެ މަސައްކަތް ވެސް ހިމަނާފައިވެ އެވެ.