މަސްވެރިންގެ އަތުން މަސްގަނެ، ނުދެވި އޮތް 83 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "ހުރިހާ"އަށް މިއަދު ވިދާޅުވީ މިދިޔަ މަހުގެ 17 ން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް މަސްވެރިންނަށް ފައިސާ ނުދީ ހުރި ބިލުތަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިމޭނެ ކަމަށެވެ.

"މިހާރު ޕެންޑިން ފައިސާއެއް ނޫޅޭނެ. މި ހަފުތާގެ ތެރޭގައި އެއްކޮށް ޖަމާކޮށް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ ނުދެއްކި ހުރި ބިލުތަކަށް ފައިސާ ދެމުން އަންނައިރު، ދެކުނުގެ މަސްވެރިންނަށް ދޭންޖެހޭ 56 މިލިއަން ރުފިޔާ އާއި އުތުރުގެ މަސްވެރިންނަށް ދޭންޖެހޭ 29 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

"މަހެއްހާ ދުވަހުގެ ފައިސާ އަޅުގަނޑުމެންނަށް ނުދެއްކި އޮތީ. ކުރިޔަށް އޮތްތަނުގައި އޮންލައިންކޮށް ފައިސާ ޖަމާކުރަމުން ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ޚަލާސްކުރެވުނީ މަސްވެރިޔާ ކާޑު މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ޖަމާކުރުމުން ކަމަށެވެ. އަދި ކުރިން އޮތް ގޮތަށް ނަގުދު ފައިސާއިން އެކަން ކުރިނަމަ ހަފްތާއެއްވާއިރު ވެސް ފައިސާ ދައްކައި ޚަލާސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، ދުވާލަކަށް އެވްރެޖްކޮށް މިހާރު 250 ޓަނުގެ މަސް ކިރަމުން އަންނަ ކަމަސެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް މަސްވެރިންނަށް ގާތްގަނޑަކަށް 525 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިއްޔެ ތަންކޮޅެއް މަސްވެރިކަން ދަށްކޮށްދިޔައީ. ވިއްސާރަވީމަ ކުޑަކޮށް މަސްވެރިކަން ދަށް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް މިއަދުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިން 8.65ރ. އަށް ވިއްކި ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 7.33ރ. އަށް ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.