ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ރިސޯޓު މުވައްޒަފުންނަށް ކަރަންޓީނު ނުވެ، ދަތުރު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، ރިސޯޓު މުވައްޒަފުން ދެ ވަނަ ޑޯޒު ޖެހި ނަމަވެސް ކަރަންޓީނު ނުވެ ދަތުރު ކުރެވޭޭނީ ދެ ވަނަ ޑޯޒަށް 14 ދުވަސްވުމުން ކަމަށެވެ. އަދި ރިސޯޓު މުވައްޒަފުންނަށް ހޯމް ކަރަންޓީން ނުވާގޮތަށް ހަމަޖެއްސީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގަވާއިދުގެ ތެރެއިން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައިވެ އެވެ.

ދެ ޑޯޒް ފުރިހަމަކޮށްފައި އަންނަ ޓޫރިސްޓުންނަށް ލުއިދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ޖުލައި 15 ގައި ހުޅުވިފަހުން ރާއްޖެއަށް ޓޫރިސްޓުން އައުމުގެ 72 ގަޑިއިރު ކުރީގެ ޕީސީއާރު ނެގެޓިވްއެއް ގެންނަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވިފަހުން މިހާތަނަށް އައިސްފައިވަނީ 345،261 ޓޫރިސްޓުންނެވެ. އަދި މިދިޔަ އަހަރު އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން މީހުން ގެނައުމެވެ.