އިންޓަނެޓުގެ އަގު މިހާރު ހެޔޮ ކޮށްފައިވާކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ޓީވީ"ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އަލީ ސޯލިހު ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދާފައިވާ ކަމަށެވެ. އަދި މިހާރު މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއެކު ކުރެވެނު މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން އިންޓަނެޓުގެ އަގު ތިރި ކުރެވިފައިިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދައްކަނީ 1،000 ރުފިޔާ އަށް 30 ޖީބީ ލިބެމުންދިޔަ ބަޔަކަށް، މިއަދު އެބަލިބޭ އެއްކަލަ 1،000 ރުފިޔާ އަށް 180 ޖީބީ. މާނައަކީ 5 ރުފިޔާ ބަޔަށް ޖީބީއެއް މި ތިރި ކުރެވެނީ. ގައުމުތަކާ އަޅާ ކިޔާލަންޖެހޭ، އަޅާކިޔާލާއިރު މިއޮތީ ބޮޑުތަނުން މިއޮތީ ކުރިއެރުން ހޯދިފައި،" އަލީ ސޯލިހު ވިދާޅުވި އެވެ.

މިހާރު އިންޓަނެޓުގެ އަގު ހެޔޮ ވެފައިވީ ނަމަވެސް އެއީ ދާއިމީ އަގުހެޔޮވުމެއް ނޫނެވެ. އިންޓަނެޓް ފޯރުކޮށްދޭ ކުންފުނިތަކުން ވަނީ ކޮވިޑު-19 ރާއްޖޭގައި ފެތުރުމާއި ރޯދަ މަހާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އިންޓަނެޓު ޕެކޭޖްތަކަށް ހާއްސަ ޑިސްކައުންޓްތަކެއް ތައާރަފްކޮށްފަ އެވެ. އަދި ރޯދަމަސް ނިމުމާއެކު ކުރީގެ އަގުތަކަށް އަލުން ބަދަލުވާނެ އެވެ.