ރާއްޖޭގެ އިގްތިސޯދު ކުރިން ހުރި މިންވަރަށް ރަނގަޅުވާން ފަށާނީ 2023 ވަނަ އަހަރު ކަަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

"މޯލްޑިވްސް ޑިވޮލޮޕްމެންޓް އަޕްޑޭޓް" ރިޕޯޓުގައި ވޯލްޑު ބޭންކުން ބުނީ، ރާއްޖެއަށް ބަލިމަޑުކަމުން ކުރި އިގްތިސޯދީ ނުރަނގަޅު އަސަރުން އަރައިގަނެވުން ބިނާވެފައި އޮންނާނީ ފަތުރުވެރިކަމުގެ މައްޗަށް ކަމުގައިވާއިރު، ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަން 2020 ވަނަ އަހަރުގެ ކުރީގެ ހާލަތަށް އިއާދަވާނީ، 2023 ވަނަ އަހަރު ނުވަތަ އެއަށްވުރެ ވެސް ފަހުން ކަމަށެވެ.

ވޯލްޑް ބޭންކުން ބުނީ، ގައުމުތަކުން ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާނެ އިރެއް ނޭގުމުން، އެއާލައިންތަކުން ދަތުރުކުރުމުގައި ގެންގުޅޭ ހިފަހެއްޓުންތަކާއި އިގްތިސޯދީ ގޮތުން ކުރި ނޭދެވޭ އަސަރުގެ ސަބަބުން ދަތުރުކުރަން ބޭނުންވާ މިންވަރު ކުޑަވާނެ ކަމަށެވެ.

އެއާލައިތަކުގެ އޮޕަރޭޝަން މަޑުޖެހިފައިވުމުން ފަތުރުވެރިކަމުގައި ވާދަވެރިކަން ބޮޑުވެ، އިންޑޮނޭޝިއާއާއި ތައިލޭންޑު ފަދަ ގައުމުތަކުން ތަފާތު އަގުތަކުގައި ފަތުރުވެރިންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭން ފެށުމުން ރާއްޖެއަށް ގެއްލުންވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް، ވޯލްޑު ބޭންކުން ލަފާކޮށްފައިވަނީ ރާއްޖޭގެ އިގްތިސޯދު 2019 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވާނީ 2023 ވަނަ އަހަރު ކަމަށެވެ. ނަމަވެސް މި އަހަރު 2020 ވަނަ އަހަރާ އަޅާބަލާއިރު، ރާއްޖޭގެ އިގްތިސޯދު 17.1 އިންސައްތަ އިތުރަށް ބޮޑުވާނެ ކަމަށާއި، 2022 ވަނަ އަހަރު 11.5 އިންސައްތަ ކުރިއަރާނެ ކަމަށް ބުނެފައިވެ އެވެ.

އަދި މިހާރު ފަތުރުވެރިން އަންނަ މިންވަރަށް ބަލާއިރު 2021 ވަނަ އަހަރު ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވޯލްޑް ބޭންކުން ދެކެ އެވެ.

އެއީ 2019 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 60 އިންސައްތަ އެވެ. ވޯލްޑު ބޭންކުގެ ރިޕޯޓުގައި ބުނެފައިވަނީ އެ އަންދާޒާއަކީ ސަރުކާރުން އަންދާޒާކުރާ 1.5 މިލިއަން ފަތުރުވެރިންނަށްވުރެ މާ ބޮޑަށް ވެސް މަދު އަންދާޒާއެއް ކަމަށެވެ. ވޯލްޑު ބޭންކުގެ އަންދާޒާ ބިނާވެފައިވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް ވެސް ގިނަ ގައުމުތަކަކުން ދަތުރުފަތުރުކުރުމުގައި ހިފަހެއްޓުންތަކެއް ގެންގުޅޭނެ ކަމަށް ގަބޫލުކުރެވޭ ކުރެވުމުގެ މައްޗަށެވެ.