ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފުވައްމުލަކު ލައިބްރަރީ އަށް ބޭނުންވާ ފޮތް ހަދިޔާކޮށްފި އެވެ.

އެ ބޭންކުން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން އެކި އުމުރު ފުރާތަކާ ގުޅޭ 400 އަށް ވުރެ ގިނަ ފޮތް އެތަނަށް ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން އިނގިރޭސި، ދިވެހި އަދި ދީނީ ފޮތްތަކުގެ އިތުރުން އޭލެވެލް އިން މަތީގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ވެސް ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ލައިބްރަރީ މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.

ފުވައްމުލަކު ލައިބްރަރީގައި ކުދިންތަކެއް ފޮތްތަކެއް ބަލަނީ. އެ ރަށުގެ ކިޔަވާ ކުދިންނަށް މިތަނުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބޭނެ. ފޮޓޯ: ބީއެމްއެލް

ކޮމިއުނީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފާތިމަތު ރަޝީދު ވިދާޅުވީ އެ ރަށުގައި 2،464 ދަރިވަރުން އެކި ގްރޭޑް ތަކުގައި ކިޔަވަމުން އަންނަ ކަމަށެވެ. އަދި އޭގެ އިތުރުން ރަށުގައި ގާއިމްކުރެވިފައިވާ ކޮލެޖް ކެމްޕަސްގައި ވެސް 500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ރަށުގައި ލައިބްރަރީ އެއް ނުވަތަ ރަނގަޅު ފެންވަރުގެ ފޮތް ވިއްކާ ފިހާރައެއް ނެތުމުގެ ސަބަބުން ގިނަ ކުދިން ކިޔެވުމުގެ މާހައުލުގައި ބޭނުންވާ އިތުރު މައުލޫމާތު ހޯދައި، ދެނެގަތުމަށް ފޮތް ކިޔުމުގެ ފުރުސަތު މިވަނީ ނުލިބިފައި. އެހެން ކަމުން އަޅުގަނޑުގެ އަމާޒަކަށްވީ މި ފުރުސަތު ހުރިހާ ކުދިންނަށްވެސް ފަހިކޮށްދިނުން،" ފާތިމަތު ވިދާޅުވި އެވެ.

ފުވައްމުލަކު ލައިބްރަރީގައި ކުއްޖަކު ފޮތެއް ކިޔަނީ. އެ ރަށުގެ ކިޔަވާ ކުދިންނަށް މިތަނުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބޭނެ. ފޮޓޯ: ބީއެމްއެލް

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.