ޓޫރިޒަމް އެންމެ ދަށްވާނެ ކަމަށް ބެލޭވޭ ލޯ ސީޒަން، އެހެން އަހަރުތަކާ އަޅައި ބަލާއިރު މިއަހަރު ތަފާތުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް އާއްމުކޮށް ދަށްވަނީ އަހަރުގެ މެދުތެރޭގަ އެވެ. ހާއްސަކޮށް އެޕްރީލް މަހުން ފެށިގެން އޮގަސްޓް މަހާ ދެމެދު ޓޫރިސްޓުން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ދެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ސަބަބުން ޓުއަރިޒަމް ރަނގަޅުވެ ހެޔޮބަދަލުތަކެއް އަންނަމުންދާ ކަމަށެވެ.

ލޯސީޒަނުގެ ފަތުރުވެރިކަން ރަގަޅުކުރަން ވެގެން ކޮވިޑް-19އިގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ޓޫރިސްޓުންނަށް ލުއި ދޭން ނިންމާފައިވާ ކަމަށާއި، އެކަމުގެ މިއަހަރުގެ ލޯސީޒަނުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އުންމީދުކުރަނީ މި އަހަރުގެ ލޯ ސީޒަން ރާއްޖޭގެ އެހެން ލޯ ސީޒަންތަކާއި އަޅައި ބަލާއިރު ތަފާތު ވާނެ، އިރާދަކުރެއްވިއްޔާ މި އަހަރުގެ ލޯ ސީޒަން އަޅުގަނޑުމެން ލޯ ސީޒަނަކަށް ކިޔާކަށް ނުޖެހޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ކޮވިޑުން ރާއްކެތެރިވުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް ޕީސީއާރު ޓެސްޓަކާއި ނުލައި ކަރަންޓީނުވުމެއް ނެތި ރާއްޖެ އާދެވޭ ގޮތް ސަރުކާރުން ހެދުމުން، ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ފަތުރުވެރިން ވެސް މަރުހަބާ ކިޔާފައިވާކަމަށް އެ ޕްރޮގްރާމްގައި އޭނާ ވަނީ ވިދާޅުވެފަ އެވެ.