މިދިޔަ މާޗު މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 13 ޕަސެންޓް މައްޗަށް ޖެހިލާފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސްހިިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 3.2 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މި އަހަރުގެ މާޗް މަހު އެ އަދަދު ވަނީ 3.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ 13 ޕަސެންޓުގެ އިތުުރު ވުމެކެވެ. އިމްޕޯޓު އިތުރުވުމުން ދައުލަތަށް ލިބުނު އާމުދަނީ ވެސް ވަނީ އިތުރެވެފަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު 235 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާޗް މަހު މި އަދަދު ވަނީ 266 މިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ކަސްޓަމްގެ ތަފާސްހިސާބުން ދައްކަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ މާޗު މަހު އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ އޮމާން އާއި އިންޑިއާ އަދި ސިންގަޕޫރުންނެވެ. އޮމާން އިން 465 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު އިންޑިއާއިން 439 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވެ އެވެ.

އިމްޕޯޓް އިތުރުވި ނަމަވެސް ރާއްޖޭން މުދާ ބޭރު ކުރި އަދަދު ވަނީ ބޮޑުތަން ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭން 380 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރި ނަމަވެސް މި އަހަރު އެކްސްޕޯޓް ކުރީ 301 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 21 ޕަސެންޓުގެ ދަށްވުމެކެވެ.