ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހިންގާ ހ. ސަންލީޓް ބިލްޑިންގަށް އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމާ ގުޅިގެން، އެ ބޭންކަށް 16 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް އެސްބީއައި ރާއްޖޭގެ ބްރާންޗުގެ ސީއީއޯ ބަރަތު މިޝްރާ ވިދާޅުވެއްޖެ އެވެ.

ހ. ސަންލީޓް (ގަދަގޭ މުހައްމަދުފުޅު ބިލްޑިންގް) އާ ޖެހިގެން ހުންނަ ކެފޭ ޓިއޮލޯގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެސްބީއައި މާލެ ބްރާންޗްގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިޝްރާ ވިދާޅުވެފައި ވަނީ އެސްބީއައި މާލެ ބްރާންޗް ހިންގި އިމާރާތަށް ލިބުނު ގެއްލުމާއެކު މާލެ ބްރާންޗްގެ ހިދުމަތް އަލުން ފެށޭނެ ކަމަށް ލަފާކުރެވެނީ އަންނަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކަމަށެވެ. އަދި އެ ހާދިސާއަށްފަހު މިވަގުތު އެ ބޭންކުގެ ހިދުމަތް ދެނީ ހުޅުމާލޭ ބްރާންޗުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މިޝްރާ ވިދާޅުވެފައި ވަނީ ހުޅުމާލޭ ބްރާންޗްގެ ޖާގައިގެ ދަތިކަމުން އެހެން އިމާރާތަކުން އިތުރު ދެ ފްލޯއެއް ނަގާފައިވާ ކަމަށެވެ. އަދި އެ ތަންތަނުން ވެސް ވަރަށް އަވަހަށް ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ ބޭންކުން ނެރުނު ނޯޓިސްއެއްގައި ބުނެފައި ވަނީ ފައިސާގެ ހުރިހާ މުއާމަލާތެއް ހިންގުން ހުޅުމާލޭގައި ހުންނަ ބްރާންޗަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޑިޕޮޒިޓް ކްލިއަރިން އަދި ޗެކް ޓްރާންސްފާ އާއި އާރުޓީޖީއެސް ރިކުއެސްޓް އާއި ޓީޓީ، ރެމިޓެންސް ރިކުއެސްޓް ހިމެނޭ ކަމަށް ވެސް އެ ނޯޓިސްގައި ބުނެފައިވެ އެވެ.

އެ ބޭންކުން ބުނީ ދިމާވި ހާދިސާއަށްފަހު ކަސްޓަމަރުންނަށް ހިދުމަތް ދިނުން ލަސްކަމެއް އުޅޭނެ ކަމަށެވެ. އެހެން ނަމަވެސް މެދުނުކެނޑި ހިދުމަތް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެސްބީއައި އިން ބުންޏެވެ.

އެސްބީއައިގެ ހުޅުމާލެ ބްރާންޗު ހުންނާނީ އަމީން އެވެނިއު އޯކް ޔުނިޓް ތިނެއްގެ ތިރީގަ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެސްބީއައި ހިންގާ ގަދަގޭ މުހައްމަދު ފުޅު ބިލްޑިންގަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.