ފޮރިން އިންވެސްޓްމެންޓް ރަޖިސްޓްރީ ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނެރުނު ތަފާސްހިސާބުގައި ވާގޮތުން ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީން މިދިޔަ މަހުގެ ނިޔަލަށް އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޖިސްޓްރީން ކުރި ފޮރިން އިންވެސްޓްމަންޓްތަކުން ދައުލަތަށް ލިބުނު ފީގެ އާމްދަނީއަކީ 967,560 ރުފިޔާ އެވެ.

ތަފާސްހިސާބުގައި ވާގޮތުން ފޮރިން އިންވެސްޓްމަންޓް ފީއިން މިދިޔަ މަހު އެކަނި 612,550 ރުފިޔާ ވަނީ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު ލިބިފައިވަނީ 261,240 ރުފިޔާ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ފޮރިން އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި މިދިޔަ އަހަރު ރާއްޖެ އަށް 294 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.5 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ވަނީ އައިސްފަ އެވެ.

ދެހާސް ވިހިވަނަ އަހަރު ރާއްޖޭގައި ވަނީ 38 ފޮރިން އިންވެސްޓްމަންޓު ކޮށްފަ އެވެ. ރާއްޖޭގައި 38 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ސިނާއަތުގައި ކުރި 11 އިންވެސްޓްމަންޓާއި އެހެނިހެން ސިނާއަތް ތަކުގައި ކުރި 27 އިންވެސްޓްމަންޓެވެ.

މިދިޔަ އަހަރު ޓޫރިޒަމް ދާއިރާގައި 89 މިލިއަން ޑޮލަރުގެ އިންވެސްޓް ކޮށްފައިވެ އެވެ. އަދި ޓޫރިޒަމް ނޫން އެހެނިހެން ދާއިރާތަކުގައި 205 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު، މިދިޔަ އަހަރު ކުރި އިންވެސްޓްމަންޓުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު 294 މިލިއަން ޑޮލަރަށް އަރަ އެވެ.

އަދި 2019 ވަނަ އަހަރު ޓޫރިޒަމް ސިނާއަތުގައި 33 އިންވެސްޓްމަންޓް ކޮށްފައިވެ އެވެ. އަދި އެހެނިހެން ސިނާއަތް ތަކުގައި 45 އިންވެސްޓްމަންޓް ކޮށްފައިވާއިރު، އެ އަހަރު ރާއްޖެ އަށް އައި ފޮރިން އިންވެސްޓްމަންޓުގެ އަދަދަކީ 78 އެވެ.