ހުޅުމާލޭގައި ފައިބާނެޓްވޯކެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ފަށައިފި އެވެ.

އެޗްޑީސީއިން މިއަދު ބުނީ ހުޅުމާލޭގައި މިހާރު އަޅަމުން ދަނީއޯޕަން އެކްސެސް ނެޓްވޯކް ނުވަތަ މުނިސިޕަލް ނެޓްވޯކް ކަމަށެވެ. މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރާ ނެޓްވޯކެކެވެ. އެކްސެސް ނެޓްވޯކް ނުވަތަ މުނިސިޕަލް ނެޓްވޯކް އަކީ ދުރު މުސްތަގުބަލަށް ފަރުވާކުރެވިފައިވާ ވިއުގަ ތަކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނިއުޒިލެންޑް، ދެކުނު އެމެރިކާގެ ގައުމުތަކާއި އަދި ޔޫރަޕުގެ ގައުމުތަކުގައި ވެސް އަންނަނީ އެކްސެސް ނެޓްވޯކް ނުވަތަ މުނިސިޕަލް ނެޓްވޯކް ބޭނުން ކުރަމުންނެވެ. އެފަދަ ނެޓްވޯކުތަށް ބިނާކުރަން ބޮޑު ހަރަދެއް ކުރެ އެވެ.

އެޗްޑީސީން ބުނީ އޭގެ ސަބަބަކީ އެ ނެޓްވޯކް ބިނާ އަޅަނީ ގިނަފަހަރަށް ބިމުގެ އަޑީގައި ކަމަށްވެފައި، ކޭބަލްތައް އެޅުމުގެ ކުރިން ވަކި ހޮޅިލައިނެއް ނުވަތަ ޑަކްޓް ނެޓްވޯކެއް އަޅަންޖެހުން ކަމަށެވެ. މީގެ އިތުރުން ނެޓްވޯކްގެ ބައިތައް އެކި ހިސާބުތަކަށް ފޯރުކޮށްދޭން، މޭންހޯލް، އަދި ޓާމިނޭޝަން ފޮށި އެކި އެކިސަރަހައްދުތަކުގައި ބަހައްޓަން ޖެހުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނިގޮތުގައި ޙާއްސަކޮށް ރާއްޖެގެ ރަށްތަކުގެ މަގުތަކަކީ ވަރަށް ކުދި އަދި މަގުގެ ދެ ފާރާތަކީ ވެސް އެހެނިހެން ބޭނުންތަކަށް ބޭނުން ކުރަންޖެހޭ މަގުތަކަކަށް ވެފައި ޖާގައިގެ ދަތިކަމަކީ އެކްސެސް ނެޓްވޯރކް ނުވަތަ މުނިސިޕަލް ނެޓްވޯކް އެޅުމުގެ މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. އަދި އެއާއެކު، ނެޓްވޯކް ބެލެހެއްޓުމާއި، ބޭނުންކުރެވޭ އާލާތްތަކަކީ ވެސް އަގުބޮޑު، އަދި މިމަސައްކަތަކީ ތަޖުރިބާހުރި މީހުން ބޭނުންވާ ދާއިރާއަކަށްވުމީ ވެސް މިދާއިރާގެ ގޮންޖެހުން އިތުރަށް ފުޅާވެގެން ބައެއް ސަބަބު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މިހުރިހާ ސަބަބުތަކާއި އެކްސެސް ނެޓްވޯކް ނުވަތަ މުނިސިޕަލް ނެޓްވޯކް އިންތިހާޔަށް އަގުބޮޑު، އަދި އިންވެސްޓްމަންޓް ރިކަވާ ކުރަން ގިނަދުވަސްތަކެއް ނަގާ މަސައްކަތެއް،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީއިން ބުނީ، އެ ހުރިހާ ކަމަކަށް ހައްލެއް ހޯދައިދީ ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ގާއިމު ކުރަމުން އަންނަ ފައިބާ ނެޓްވޯކަކީ، ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ފަސޭހަކަން ހޯދައިދިނުމާއި، ޚިދުމަތުގެ އަގުކުޑަކުރަން ބާރުއަޅައިދޭނެ ވަރަށް މުހިއްމު ބިންގަލެއް ކަމަށެވެ.

ސަބަބެއް ކަމަށް އެޗްޑީސީއިން ބުނީ، ފައިބާ ނެޓްވޯކް ގާއިމް ކުރަމުން ދަނީ އެޗްޑީސީގެ އަމިއްލަ ހަރަދުގައި ކަމަށް ވުމާއި، މިނެޓްވޯކްގެ އެއްމެހާ ކަންތައްތައް ބަލަހައްޓާނީވެސް ކުންފުނީގެ ހާއްސަ ޔުނިޓަކުން ކަމަށް ވާތީ ކަމަށެވެ. އަދި އެއާއެކު މަގުތައް މިފަދަ ބޭނުންތަކަށް ކޮނުމަށް ހުއްޓުމެއް ގެނެވި ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއްއެޅުމުގެ ބަދަލުގައި އެއްނެޓްވޯކެއްގައި ގިނަބަޔަކަށް އެއްފަހަރާ ހިދުމަތްދިނުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.